ޚަބަރު

ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ އުތީމުގައި ގިނަ ޙަރަކާތްތަކެއް


މިއަހަރުގެ ޤައުމީ ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރުމަށް ހއ އުތީމުގައި ކުރިޔަށް ގެންދާ ޙަރާކާތްތަކުގެ ތެރެއން ދިދަނެގުމާއި، ސިފައިންގެ ޑްރިލަކާއި ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވައިފިއެވެ.

ސަރުކާރުން ޤައުމީ ދުވަސް ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ މީލާދީން 1365ވަނަ އަހަރު. އޭގެފަހުން ކޮންމެ އަހަރަކުވެސް ޤައުމީދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު، މިދުވަސް މިއަހަރު ރަސްމީކޮށް ފާހަގަކުރަމުންދަނީ ހއ.އުތީމުގައެވެ. ހޯމް މިނިސްޓްރީއާއި، އުތީމު ކައުންސިލް ގުޅިގެން ޤައުމީ ދުވަހާއި ގުޅުވައިގެން ތަފާތު ޙަރަކާތްތަކެއްވަނީ އެރަށުގައި ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ދުވަސް ފެށުމުގެ ގޮތުން އެރަށުގައި ވަނީ ހެނދުނު ހައެއް ޖެހިއިރު ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިސްޔާތުގައި، ހއ.އަތޮޅުގެ ސަރުކާރުގެ އެކި މުޢައްސަސާތަކުގެ ބޭފުޅުންނާއި، ހޯމް މިނިސްޓްރީގެ ބޭފުޅުންނާއި، އާއްމު ރައްޔިތުންވެސް ބައިވެރިވިއެވެ.

މީގެއިތުރުން މިއަދު ހަވީރު ޤައުމީ ދިފާއީ ބާރުގެ އޮފިސަރުންގެ ޑްރިލްއެއް އެރަށުގައި ބޭއްވިއެވެ. މި ޑްރިލް ކުރިއަށް ގެންގޮސްފައިވަނީ ޤައުމީ ދުވަހާއި ގުޅުވައިގެން އެރަށުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެތެރެއިންނެވެ. މި ހަވީރަކީ ތުއްތުކުދިންނަށް އާއިލާތަކާއިއެކު ހިތްފަސޭހަ މާޙައުލެއްގައި ކުޅިވަރުތައް ކުޅެލުމުގެ ފުރުޞަތު ދިނުމަށް ބޭއްވި ހަވީރެކެވެ. އުތީމު ބަނދަރު ޞަރަޙައްދުގައި ބޭއްވި މި ހަވީރުގައި ގިނަ ޢަދަދަކަށް ކުޑަކުދިން ބައިވެރިވެއިވިއެވެ. އެކުދިން ވަނީ ތަފާތު ކުޅިވަރުގެ ޙަރަކާތްތަކުގައި އެބައިވެރިވެފައެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ. މި ޖަލްސާގައި ދުވަހާއި ގުޅުވައިގެން ޤައުމީ ދިފާޢީ ބާރުން ހަދާފައިވާ ޚާއްޞަ ލަވަ ސީޑީ ނެރުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި އެރަށުގައި ބޭއްވި ޤައުމީ ދުވަހާއި ގުޅޭ ޕޯސްޓަރު ކުރެހުމުގެ މުބާރާތާއި، މަޒުމޫނު ލިޔުމުގެ މުބާރާތުގެ ވަނަވަނަވެސް ހޮވުމަށްވަނީ ހަމަޖެހިފައެވެ.