ޚަބަރު

އިންޑިއާ މީހަކަށް ދޮޅު ލައްކަ ޑޮލަރު ދިނުމަށް މެމްބަރު ނަޝީދުގެ މައްޗަށް ހުކުމްކޮށްފި


އިންޑިއާގެ ރައްޔިތަކަށް ދޮޅު ލައްކަ އެމެރިކާ ޑޮލަރު ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އަލަކާ ކިޔާ އިންޑިއާ މީހަކު ނަޝީދާ ދެކޮޅަށް ސިވިލް ކޯޓުގައި އުފުލި ދައުވާގައި ބުނެފައި ވަނީ އޭނާ އިންވެސްޓްކޮށްގެން މަރާމާތުކުރި "ބަރުތީލަ" ނަމަކަށްކިޔާ ސަފާރީއެއް ނަޝީދު ކުޑަ އަގެއްގައި ވިއްކާލާފައި ކަމަށެވެ. އަދި ހަތަރު ލައްކަ ޑޮލަރަށް ވިއްކާލެވެން އޮތް އުޅަނދެއް ދެލައްކަ ފަންސާސް ހާސް ޑޮލަރަށް ވިއްކާލުމަށްފަހު، އަލަކާއަށް ގެއްލުންވި ފައިސާ ދޭނެކަމަށް ނަޝީދު އެއްބަސްވުމަށްފަހު އެ ފައިސާ ދީފައިނުވާ ކަމަށް އަލަކާ ބުނެފައިވެއެވެ. އެހެންކަމުން އަލަކާއަށް ގެއްލުންވި އެއްލައްކަ ފަންސާސް ހާސް ޑޮލަރުގެ ބަދަލު ހޯދައިދިނުމަށް އޭނާ ވަނީ އެދިފައެވެ.

މި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެ އުޅަނދު ވިއްކާލަން އެއްބަސްވި އަސްލު އަދަދުން މަދުވާ ފައިސާ އަލަކާއަށް ދޭން އެއްބަސްވެފައިވާކަން ނަޝީދު ފޮނުއްވާފައިވާ އީމެއިލްއަކުން އެނގެން އޮތް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ނަޝީދު އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ސިވިލް ކޯޓުގެ ޙުކުމާއި ގުޅިގެން ނަޝީދު ނެރުނު ބަޔާނެއްގައި ބުނީ ސިވިލް ކޯޓުން ކުރި ހުކުމުގައި ދައްކަން އެންގި ފައިސާއަކީ ދައްކަންޖެހޭ އެއްޗެއް ނޫންކަމަށް ގަބޫލު ނުކުރާ ކަމަށާއި އެހެންނަމަވެސް އެ ހުކުމް އިސްތިއުނާފް ކުރައްވާނެކަމަށެވެ.