ޚަބަރު

އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމުގެ ވޯކްޝޮޕެއް ޔޫއެންޑީޕީން ތިނަދޫގައި ބާއްވައިފި


އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ގދ. ތިނަދޫގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.

ގައުމީ ޔުނިވަސިޓީގެ ތިނަދޫ ކެމްޕަހުގައި މިއަދު ބޭއްވި އެ ވޯކްޝޮޕަކީ މުޖުތަމަޢާ ގުޅުން ހުރި ދާއިރާތަކުން ގޮތް ނިންމާ އަދި ސިޔާސަތު ކަނޑައަޅާ މަޤާމުތަކުގައި ޙަރަކާތްތެރިވާ ނުވަތަ ބައިވެރިވާ އަންހެނުންގެ ޢަދަދު އިތުރުކުރުމުގެ ގޮތުން ބާއްވާ ވޯކްޝޮޕެކެވެ. ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ޔޫއެންޑީޕީގެ ޕްރޮގްރާމްސް އޮފިސަރ، އައިޝަތު ޖުނައިނާ ވިދާޅުވީ ވޯކްޝޮޕުގައި 30 ފަރާތަކުން ބައިވެރިވެފައިވާ ކަމަށާއި ޕްރޮގްރާމުގެ މަޤުޞަދަކީ މުޖްތަމަޢުގައި އަންހެނުންގެ ދައުރު އިތުރުކުރުން ކަމަށެވެ.

"އަޅުގަނޑުމެން އަންހެނުންނަށް ޚާއްސަކޮށްގެން ލީޑަރޝިޕް ޓްރެއިނިންއެއް މި ބާއްވަނީ އަޅުގަނޑުމެންގެ އެންމެ ބޮޑު މަގްސަދަކީ މީގަ އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ޑިސިޝަން މޭކިން ރޯލްތަކުގަ. އެކި ކަހަލަ ސެކްޓަރތަކުން. އެހެންވީމަ އެބޭފުޅުންނަށް ކޮންފިޑެންސް ދީ އެ ސްކިލްސްތައް އަށަގަނެވޭނެ ކަހަލަ ތަމްރީން ޕްރޮގްރާމެއް އަޅުގަނޑުމެން ތިނަދޫގަ މި ބާއްވަނީ،" ޖުނައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ވޯކްޝޮޕުގައި ގއ. އާއި ގދ. އަތޮޅުގެ އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 30 ފަރާތަކުން ބައިވެރިވިއެވެ.

ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ޔޫއެންޑީޕީން އަންނަނީ ތަފާތު ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ. އެގޮތުން އެ ޖަމްޢިއްޔާއިން ހިންގާ "ޔޫތު ވިޜަން" ވޯރކްޝޮޕްވެސް މިހާރު ތިނަދޫގައި ކުރިއަށް އެބަދެއެވެ. އެއީ ޤައުމު ތަރައްޤީ ކުރުމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަޤުޞަދުގައި ބާއްވާ ވޯރކްޝޮޕެކެވެ.