ޚަބަރު

ބޮއިންގް މަރުކާގެ ބައެއް މަތިންދާބޯޓުތަކުގެ ފެންވަރު ބަލަން އަންގައިފި


އެމެރިކާގެ ބޮއިންގް ކުންފުނިން އުފައްދާ ބޮއިންގް ތްރީ ސެވަން ތްރީ މެކްސް މަރުކާގެ މަތިންދާބޯޓުތަކުގެ ތެރެއިން މިހާރު ބޭނުންކުރަމުންދާ ދުއިސައްތަ ފަންސާސް މަތިންދާބޯޓުތަކަކީ ވައިގެ ދަތުރުތަކަށް ތައްޔާރު އުޅަނދުތަކެއްތޯ ބެލުމަށް ގޮވާލާ ކުއްލި ޢަމުރެއް، އެމެރިކާގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާއިން ނެރެފިއެވެ.

އެ އިދާރާއިން މި ފަދަ ޢަމުރެއް ނެރެފައި މިވަނީ ހުސްވި ހަފުތާގައި އިންޑޮނޭޝިޔާގައި ވެއްޓުނު އެ މަރުކާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ބޮއިންގް ކުންފުނިން އެޔަލައިންތަކަށް ފޮނުވާފައިވާ މަޢުލޫމާތާ ގުޅިގެންކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާގެ މި އިރުޝާދަކީ މިހާރުން މިހާރަށް ތަންފީޒުކުރަންޖެހޭ ޢަމުރެއް ކަމަށާއި މި ޢަމުރު، އެމެރިކާގައި ބޭނުން ކުރާ މިފަދަ ސާޅިސް ފަސް މަތިންދާބޯޓެއްގައި ތަންފީޒުކުރަން ޖެހޭކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ހުސްވި ހަފުތާގައި އިންޑޮނޭޝިޔާގެ ޖަކާޓާއިން ނައްޓާލައިގެން ދަތުރުކުރަމުންދަނިކޮށް އެ ޤައުމުގެ ކަނޑުގެ ސަރަހައްދަށް ވެއްޓި އަޑިއަށްދިޔަ ލަޔަން އެޔަރގެ މަތިންދާބޯޓު އެންމެ ފަހުން ކުރި ދަތުރުގައިވެސް އެ މަތިންދާބޯޓުގެ ވައިގެ ދުވެލި އަންގައިދޭ ނިޒާމު ހަލާކުވެފައިހުރިކަމަށް މި ހާދިސާ ތަހްޤީޤުކުރަމުންދާ އިންޑޮނޭޝިޔާގެ ޓީމުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ބޯޓުން ދަތުކުރަމުންދިޔަ ސަތޭކަ އަށްޑިހަ ނުވަ މީހުން ވެސް މަރުވިކަމަށް ބެލެވެއެވެ. ލަޔަން އެޔަރއިން ބުނެފައިވަނީ ބޮއިންގް ސެވަން ތްރީ ސެވަން މެކްސް މަރުކައިގެ މި މަތިންދާބޯޓަކީ ގާތްގަނޑަކަށް އާ މަދިންދާބޯޓެއް ކަމަށެވެ.