ޚަބަރު

ވޯލްޑް ސްޕާ އެވޯޑްގެ 9 އެވޯޑެއް ރާއްޖެއަށް


ވޯލްޑް ސްޕާ އެވޯޑް ހަފްލާގައި ރާއްޖެއަށް 9 އެވޯޑެއް ލިބިއްޖެއެވެ.

ސެއިންޓް ރީޖަސް ވޮއްމުލި ރިސޯޓްގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ވޯލްޑް ސްޕާ އެވޯޑް ހަފްލާގައި ރާއްޖެއަށް އެވޯޑް ލިބިފައިވަނީ މައިގަނޑު 3 ދާއިރާއަކުންނެވެ. އޭގެތެރޭގައި ހިމެނެނީ ދުނިޔޭގެ އެންމެ ރަނގަޅު ސްޕާގެ ކެޓަގަރީއާއި، އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ސްޕާގެ އެވޯޑްގެ އިތުރުން ރާއްޖޭގެ އެންމެ ރަނގަޅު ސްޕާގެ އެވޯޑެވެ.

ދުނިޔޭގެ އެންމެ ރަނގަޅު ސްޕާގެ ކެޓަގަރީން ރާއްޖެއަށް ލިބިފައިވަނީ އެންމެ ރަނގަޅު ސްޕާ މަންޒިލްގެ އެވޯޑާއި، ދުނިޔޭގެ އެންމެ ރަނގަޅު ރިސޯޓް ސްޕާގެ އެވޯޑާއި، ބެސްޓް އެކޯ ސްޕާގެ އިތުރުން ބެސްޓް ސްޕާ ސިގްނޭޗަރ ޓްރީޓްމަންޓްގެ އެވޯޑެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުން ރާއްޖެވަނީ ބެސްޓް ސްޕާ މަންޒިލްގެ އެވޯޑާއި، ބެސްޓް ރިސޯޓް ސްޕާގެ އެވޯޑާއި، ބެސްޓް ވެލްނެސް ރިޓްރީޓްގެ އެވޯޑް ހާސިލްކޮށްފައެވެ.

މި އެވޯޑް ހަފްލާގައި މޯލްޑިވްސް ބެސްޓް ކެޓަގަރީން 2 ރިސޯޓަކުން ވަނީ އެވޯޑް ހާސިލްކޮށްފައެވެ. ވޯލްޑް ސްޕާ އެވޯޑަކީ ފަތުރުވެރިކަން ކުރިއަރަމުން އަންނައިރު ސްޕާގެ ދާއިރާ ފުޅާކޮށް އެދާއިރާއިންދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެމުންއަންނަ އެވޯޑެކެވެ.