ޚަބަރު

ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް އެޗްޕީއޭއިން ޙަރަކާތްތަކެއް ކުރިއަށްގެންދަނީ


މިއަހަރުގެ ދުނިޔޭގެހަކުރު ބަލީގެ ދުވަހުގެ މުނާސަބަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.

ހަކުރު ބަލީގެ ހިރާސްތަކަށް އަލި އަޅުވާލައިގެން "ގޯ ބްލޫގެ ނަމުގައި" ގިނަ ޙަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ހަރަކާތްތައް ކުރިއަށް ގެންދަނީ ދެދުވަހަކަށް ބަހާލައިގެންކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއަހަރުގެ މި ދުވަސް ދިމާވަނީ ރަސްމީ ދުވަހެއްގައި ކަމުން، ދުވަސް ފެށުމުގެ ގޮތުން އޮފީސް މާޙައުލުގައި " ގޯ ބްލޫ ޗެލެންޖު" ގެ ނަމުގައި ކަސްރަތު ކުރުމުގެ ޙަރާކާތަކާއި "ހެލްތީ ބްރޭކްފަސްޓް ޗެލެންޖު" ގެ ގޮތުގައިހެނދުނުގެ ނާސްތާއެއް ބާއްވަން ހަމަޖެހިފައިވާކަމަށް އެއޭޖެންސީން ބުނެއެވެ.

އަދި އޮފީސްތަކުން ޙަރަކާތްތަކުގައި ނަގާ ފޮޓޯ އެޗް.ޕީ.އޭ އަށް ޓެގްކޮށް ސޯޝިއަލް މީޑިއާގައި "beatdiabtes# ހޭޝްޓެގް ބޭނުންކޮށްގެން ޙިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.
ބައިނަލް އަޤުވާމީ ހަކުރު ބަލީގެ ދުވަސް ރަސްމީ ގޮތެއްގައި ފާހަގަކުރުމަށް މިމަހުގެ 16 ވަނަ ދުވަހު "ގޯ ބްލޫ" ގެނަމުގައި ޚާއްޞަ ޙަރަކާތެއް ބޭއްވުމަށް އެޗްޕީއޭއިން ދަނީ ތައްޔާރުވަމުންނެވެ. އެ އޭޖެންސީން ބުނީ އެދުވަހު ރަސްމިއްޔާތު ފަށާނީ "ބްރީތް ލައިފް" އިންގެ ބޮޑީ ފްލައި ޙަރާކްތަކަކުން ކަމަށެވެ. މީގެ އިތުރުން ޒުންބާ، ޕިލޮކްސިން އަދި ފްރީ ސްޓައިލް ގެ ކަސްރަތު ޙަރަކާތްތަކަކާއި، "ވޫޟޫ އެސޯސިއޭޝަން އޮފް މޯލްޑިވްސް"ގެ ފަރާތުން މާޝަލް އާޓްސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި ހަކުރު ބައްޔާ ގުޅޭ ގޮތުން، މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުންވެސް ކުރިއަށްދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ. މި ޙަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 ރަސްފަންނުގައެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރުމަހުގެ 14 ވަނަދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައެވެ. މިގޮތުން އިންޓަރނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނުން މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ " ހަކުރުބައްޔާއި ޢާއިލާއެވެ. މި ޝިޢާރުގެ މަޤުޞަދަކީ ހަކުރުބަލީގެ ސަބަބުން ޢާއިލާތަކަށް ދިމާވެދާނެ ގޮންޖެހުން ތަކަށް ހޭލުންތެރިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމާއެކު، ހަކުރު ބަލިން ރައްކާތެރި ވެވެނޭ ގޮތްތަކާއި ހަކުރުބަލި ޖެހުމުން އެބައްޔަށް ފަރުވާ ކުރާނެ ގޮތްތަކަށް، ޢާއިލާތަކުގެ ދައުރު ފުޅާ ކުރުމެވެ.