ކެއަރ ސޮސައިޓީގެ ވިހިވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ޙަރަކާތްތަކެއް މިއަހަރުވެސް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ކެއަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ޙައްޤުގައި ވަކާލާތުކޮށް އެ ފަދަ ފަރާތްތަކައް ޚިދުމަތް ދެމުންދާ މި ޖަމްޢިއްޔާއިން މިއަހަރުގެ އަހަރީ ދުވަސް ފާހަގަ ކުރަން ނިންމާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާރކުގައެވެ. މާދަމާ ހަވީރު 4ން 6ށް ކުރިއަަށް ގެންދަންހަމަޖެހިފައިވާ މި ޙަރަކާތް ޢާންމުކޮށް ހުޅުވާލާފައިވާއިރު ކެއަރ ސޮސައިޓީގެ ދަށުން އެހީ ހޯދަމުންދާ ކުދިންނާއި އެކުދިންގެ ޢާއިލާތައްވެސް ބައިވެރިވާނެ ކަމަށް ކެއަރ ސޮސައިޓީން ބުނެއެވެ.
ޕީއެސްއެމް ނިިއުސްއަށް މައުލޫމާތުދެއްވަމުން އެ ޖަމިއްޔާގެ ޑިރެކްޓަރ ޕްރޮގްރާމްސް އައިޝަތު ސުފާނާ ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ މުޖްތަމަޢުގައި ބޭނުންތެރި ބައެއްކަން އިހުސާސްކޮށްދީ އެކުދިންނަށް ހިތްހަމަޖެހޭ ވެއްޓެއް ޤާއިމުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.
1998 ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެމުން އަންނަ މި ޖަމްޢިއްޔާއިން ބުނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި ޢާންމުންނަށް ޢާމާޒުކޮށްގެން ހޭލުންތެރި ކުރުވުމުގެ ޕްރޮގުރާމްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ކެއަރ ޑިވެލޮޕްމަންޓް ސެންޓަރަކީ ޖިސްމާނީ އަދި ނަފްސާނީގޮތުން ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިން، މުޖުތަމަޢުގައި ބޭނުންތެރިބަޔަކަށް ހެދުމުގެ މުހިއްމު މަޤްސަދުގައި ކުރިއަށްގެންދާ ސެންޓަރެކެވެ. މީގެ އިތުރުން ސްކޫލް ބަންދާ ދިމާކޮށް ގިނަ ކުދިންނާއި ޢާންމުންނަށް ބައިވެރި ވެވޭ ގޮތައް ޙަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ.