ޚަބަރު

ދާއިރާތައް އިތުރުނުވާގޮތަށް ޤާނޫނު ބަދަލުކުރުމަށް މަޝްވަރާކޮށްފި


ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަށް ދާއިރާތައް އިތުރުނުވާގޮތަށް ޤާނޫނަށް ބަދަލުގެނައުމަށް ސިޔާސީ ޕާޓީތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއެކު މަޝްވަރާކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ޙަސަން ޒަކަރިއްޔާ ވިދާޅުވީ މިހާރު ޤާނޫނު އޮންނަ ގޮތުން އާބާދީއަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮންމެ 5 އަހަރަކު މަޖިލީހުގެ ދާއިރާތައް އިތުރުކުރަން ޖެހޭކަމަށެވެ. ދިގު މުއްދަތަކަށް ބަލާނަމަ މިއީ ދައުލަތަށް މާލީ ބުރަތަކެއް އުފުލަންޖެހޭނެ ކަމެއްކަމުން މަޖިލީހުގެ ދާއިރާތަށް އިތުރުނުވާގޮތަށް ޤާނޫނަށް ބަދަލުގެނައުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއެކު މަޝްވަރާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މާލެއަށް ރާއްޖޭގެ ބޮޑު ބައެއް ހިޖުރަ އެބަކުރޭ ކޮންމެ އަހަރަކު. ފަސް އަހަރު ދުވަހަށް ބަލާނަމަ ވަރަށް ގިނަ ރައްޔިތުން ހިޖުރަ އެބަކުރޭ. ހިޖުރަކުރާ މީހުން ގެދޮރުގެ ކަންކަން ފަހިކުރުމަށްޓަކައި ދަފްތަރަށް އެބަ ބަދަލުވޭ. އެހެންވީމަ ކަނޑައެޅޭ ދިމާލަކަށް ވަކި މަޤްސަދެއްގެ ތެރެއިން އަންނަ ބަދަލެއްގެ ސަބަބުން ގޮނޑިތައް އިތުރުވުމުގެ ފުރުސަތު މިއޮތީ. ދިގުމުއްދަތަކަށް ބަލާއިރު މިއީ ދައުލަތައް ބޮޑެތި ބުރަތަކެއް އަންނާނެ ކަމެއް. އަޅުގަނޑުމެންނާއި ހަަމައަށް މެންބަރުންވެސް މިކަންބޮޑުވުން ޙިއްޞާކުރެއްވި މަޝްވަރާކުރެވިފައިވަނީ." އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރ ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވަމުން އިލެކްޝަންސް ކޮމިޝަނުގެ އެނަލިސްޓް އަހުމަދު މުއާޒް ވިދާޅުވީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށް އޮތް ދެހަފްތާތެރޭ ފަށާނެކަމަށެވެ. އަދި އިންތިޚާބަށް އިލެކްޝަންސްގެ އޮފިޝަލުން ތަމްރީނުކުރުމާއި މައުލޫމާތުދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްއޮތް ދުވަސްތަކުގައި ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިޚާބު ކުރިއަށްދާނެގޮތުގެ ތާވަލެއް ރޭވިފައި ވަނީ. އަދި މުވައްޒަފުން އިތުރަށް ނަގައިގެން ތަމްރީނުކުރުމާއިއެކު އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި ތަމުރީނުކުރުމުގެ ޕްރޮގްރާމްތައް ހިންގި ގޮތަށް ކުރިއަށް އޮތް އިންތިޚާބުގައި މަޢުލޫމާތުދިނުމުގެ ޕްރޮގްރާމުތައް ކުރިއަށްދާނެ" އިލެކްޝަންސް ކޮމިޝަންގެ އެނަލިސްޓް އަހުމަދު މުއާޒް ވިދާޅުވިއެވެ.

އަންނަ އަހަރުގެ މާރޗްމަހުގެ ފަހުކޮޅު މަޖިލީސް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެކޮމިޝަނުންވަނީ މަޖިލީހަށް ދެދާއިރާއެއް އިތުރުކުރަން ނިންމާފައެވެ. އެއީ މައްޗަންގޯޅި މެދުދާއިރާއާއި ހެންވޭރު ހުޅަނގު ދާއިރާއެވެ. މިއާއެކު ނަވާރަވަނަ ރައްޔިތުންގެ މަޖިލީސް ފެށޭއިރު މަޖިލީހުގައި 87 ދާއިރާ ހިމެނޭނެއެވެ.