ޚަބަރު

ހައުސިން ޔުނިޓުތައް ދޫކުރުން ހުއްޓުވުމަށް ތިނަދޫ ކައުންސިލުން އޭސީސީގައި އެދިއްޖެ


ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން ގދ. ތިނަދޫގައި އަޅާފައިވާ 120 ހައުސިން ޔުނިޓުތައް ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވަނިކޮށް އެ ފްލެޓުތައް ދޫކުރުން ހުއްޓުވުމުގެ ވަގުތީ ޢަމުރެއް ނެރެދެއްވުމަށް އެރަށު ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިއްޖެ އެވެ.

ތިނަދޫ ކައުންސިލުގެ ރައީސް، އިބްރާހިމް ޢައްސަދު ވިދާޅުވީ ފްލެޓު ދޫކުރުން ހުއްޓުވުމަށް އެދި ވަގުތީ އަމުރެއް ނެރެދެއްވުމަށް އޭސީސީގައި ކައުންސިލުން އެދިފައިވާނެ ކަމަށެވެ. އަދި އެ ފަދަ ޢަމުރަކަށް އެދިފައިވަނީ، އަވަސް އަރުވާލައިގެން ވަކި ޕާޓީއަކަށް ނިޞްބަތްވާ ފަރާތްތަކަށް މަންފާ ލިބޭގޮތަށް ފްލެޓުތައް ދޫކޮށްފައިވާތީއާއި، ފްލެޓުތަކަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު ކުރުވުމާއި، އެކަމުގެ ސަބަބުން ޢާންމުންގެ ތެރޭގައި މަޞްލަޙަތު ގެއްލުމުގެ ފުރުޞަތު އޮތުމުން ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"މި މަސައްކަތް ވީހާވެސް ބޮޑަށް ދެފުށްފެންނަ އިންސާފުވެރި ގޮތަށް ކުރިއަށް ގެންދިއުމަށާއި އަވަސް އަރުވައިގެން ރިޔާސީ ދައުރު ނިމުމުގެ ކުރިން މި ފްލެޓުތައް ދިނުމަކީ ފްލެޓު ލިބެންޖެހޭ ހައްގުވެރިން އޭގެން މަހުރޫމްވެ އާންމުންގެ ތެރޭގައި މަސްލަހަތު ގެއްލެން ދިމާވުމަކީ މި ކައުންސިލުން ދިމާވާން ބޭނުންވާ ކަމަކަށް ނުވާތީ ފްލެޓު ދިނުމުގެ މަސައްކަތް ވީހާވެސް އަވަހަށް ހުއްޓުވުމަށް ކައުންސިލުން ބޭނުންވެއެވެ.،" ކައުންސިލުން އޭސީސީއަށް ފޮނުވި ސިޓީގައި ވެއެވެ.

މީގެ އިތުރުން އެ ސިޓީގައި ވަނީ، ވަގުތީ އަމުރެއް ނެރެގެން ނަމަވެސް ފްލެޓު ދޫކުރުން ހުއްޓުވައި އެކަމާ ގުޅިގެން އަންނަ ޝަކުވާތައް ވީހާވެސް ކުޑަކޮށް އަދި އެންމެ އިންސާފުވެރިގޮތެއްގައި ފްލެޓު ދޫކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް އޭސީސީގައި އެދިފައެވެ.

މިކަމާ ގުޅޭ ގޮތުން އެ ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ އެފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ގދ. ތިނަދޫގައި އަޅާފައިވާ 120 ފްލެޓުތަކުގެ ތެރެއިން ފުލެޓުތަކުގެ އޭ ކެޓަގަރީގައި ހިމެނޭ 80 ފްލެޓަށް 580 ފޯމު ހުށަހަޅާފައިވާއިރު ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓަށް 238 ފޯމު ވަނީ ހުށަހަޅާފައެވެ. ސީ ކެޓަގަރީގެ 15 ފެލްޓަކީ ވިޔަފާރި އުޞޫލުން ވިއްކަން ހަމަޖައްސާފައިވާ ފްލެޓުތަކެކެވެ.