ޚަބަރު

ޖެނުއަރީމަހު ފަށާ 97 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަންނަ ޖެނުއަރީމަހު ފެށުމަށް ހަމަޖެހިފައިވާ 90 އަށްވުރެ ގިނަ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖެނުއަރީމަހު ޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ފައުންޑޭޝަން ލެވަލްއިން ފެށިގެން މާސްޓާސް ޑިގްރީގެ ކޯސްތައް ހިމެނެއެވެ. މީގެއިތުރުން މިއަހަރު މުޅިން އަލަށް ރާއްޖޭގައި ކިޔަވައިދޭން ފަށާފައިވާ ސްކޫލް އޮފް މެޑިސިންގެ ކޯސްތައް ހިމެނޭއިރު، ޖުމްލަ 97 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވަނީ ހުޅުވާލާފައެވެ. ޔުނިވަރސިޓީން ބުނީ މި ކޯސްތަކަށް ޖުމްލަ ހަތް ހާސް ދުއިސައްތައަށްވުރެ ގިނަ ދަރިވަރުންނަށް ފުރުޞަތު ދޭން ނިންމާފައިވާކަމަށެވެ.

ޔުނިވަރސިޓީން ޢިއުލާންކޮށްފައިވާ ބައެއް ކޯސްތައް އަތޮޅެތެރޭގެ ބައެއް ކެމްޕަސްތަކުގައި ހިންގުމަށް ހަމަޖެހިފައިވާއިރު، މި ކޯސްތަކުގެ ތެރޭގައި ފުލްޓައިމް އަދި ޕާރޓް ޓައިމް ކޯސްތައް ހިމެނެއެވެ.

ކޯސްތަކަށް ކުރިމަތިލުމުގެ ފަހު ތާރީހަކަށް ކަނޑައަޅާފައިވަނީ ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހެވެ.