ކަސްޓަމްސްއަށް ރިޕޯޓްނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ބުނީ ބޭރު ފައިސާތައް ބޭރުކުރަނިކޮށް އަތުލައިގަތީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ 18:30 ގައި ސިންގަޕޫރަށް ފުރަންދިޔަ އިންޑިޔާގެ 3 ރައްޔިތެއްގެ އަތުންކަމަށެވެ. އަދި ކަސްޓަމްސްއިން ބެލި ބެލުމުން އެތިން މީހުންގެ އަތުން އެކި ޤައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ. ނަމަވެސް އެމީހުން އަތުން ފެނުނު ފައިސާގެ އަދަދެއްގެ ކަސްޓަމްސްއިން ހާމައެއް ނުކުރައްވައެވެ.
މި ފައިސާތައް ހިފެހެއްޓުމަށްފަހު މިކަން އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.
ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ބޭރުކުރުމުގެ ގަވާއިދުގައިވާ ގޮތުން ކަސްޓަމްސްގެ ޚުއްދައާ ނުލާ ތިރީސް ހާސް އެމެރިކާ ޑޮލަރަށްވުރެ ގިނައިން ރާއްޖެއިން ބޭރު ފައިސާ ބޭރެއް ނުކުރެވޭނެއެވެ.