ޚަބަރު

"ޑަންކެން ހައިންސް" ބްރޭންޑުގެ ބައެއް ކޭކް މިކްސިން ވިއްކުން މަނާކޮށްފި


"ޑަންކެން ހައިންސް" ބްރޭންޑުގެ ބައެއް ކޭކު މިކްސިން ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން މިގޮތަށް އަންގާފައިމިވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އަދި ކޮމިއުނިކަބަލް ޑިސީސް ކޮންޓްރޯލްއިން "ސަލްމޮނެއްލާ" ޖަރާސީމުގެ އައުޓްބްރޭކްއަކާއި ގުޅިގެން ތަޙްޤީގުކުރަމުންދާތީއެވެ. "ސަލްމޮނެއްލާ" ބައްޔަކީ ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޖެހޭ މީހުން އާންމު ގޮތެއްގައި ހުން އައިސް، ހޮޑުލައި، ބޭރަށް ހިންގުމުގެ އިތުރުން ބަނޑުގައި ރިއްސުން ފަދަ ކަންކަން ތަޙައްމަލު ކުރަންޖެހެއެވެ.
އެމްއެފްޑީއޭއިން ބުނީ މި ތަޙުޤީގާ ގުޅިގެން މިހާތަނަށް ލިބުނު މަޢުލޫމަތަށް ބަލައި މިކަން ހިނގާފައިވަކަމަށް ބެލެވެނީ ޑަންކޭން ހައިންސް ބްރޭންޑްގެ ބައެއް ކޭކު މިކްސިންއިން ކަމަށެވެ. މިކަމާ ގުޅިގެން އެ އުފައްދާ ކުންފުނިން މި ބްރޭންޑްގެ އުފެއްދުންތައް ބާޒާރުން ނެގުމަށް އަންގަމުންދާކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެމްއެފްޑީއޭއިން މިހާރުވަނީ "ޑަންކެން ހައިންސް" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކުމާއި ވިއްކަން ބެހެއްޓުން މަނާކޮށްފައެވެ. އަދި މި ބްރޭންޑުގެ ކޭކް މިކްސިން ބޭނުންނުކުރުމަށާއި ރާއްޖޭގައި މިހާރު ހުރި މި ބްރޭންޑުގެ ކޭކު މިކްސިން ނެގުމަށް ވަނީ އަންގާފައެވެ. އަދި މި ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ހުރިނަމަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް އެންގުމަށްވެސް އެ އޮތޯރިޓީން އިލްތިމާސްކުރެއެވެ.

ޑަންކޭން ހައިންސް ބްރޭންޑްގެ ކޭކު މިކްސިން ހަތަރު ބެޗެއް އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ މަނާކޮށްފައެވެ. އެއީ "ކްލެސިކް ވައިޓް" އާއި "ކްލެސިކް ޔެލޯ ކޭކް" އާއި "ބަޓަރ ގޯލްޑެން ކޭކް" އަދި "ސިގްނޭޗާ ކޮންފެޓީ ކޭކް" މިކްސްގެ ބައެއް ބެޗުތަކެވެ.