ޚަބަރު

އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ވޯޓުލުން ކުރިއަށް


މި އިންތިޚާބުގައި ވޯޓުލަނީ ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ހިމެނޭ 435 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށާއި ސެނެޓްގެ ތިންބައިކުޅަ އެއްބައި ގޮޑިކަމަށްވާ 34 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމެވެ. މީގެ އިތުރުން، މި އިންތިޚާބުގައި އެމެރިކާގެ 50 ސްޓޭޓެއްގެ ތެރެއިން 36 ސްޓޭޓަށް ގަވަރުނަރުންވެސް އިންތިޚާބުކުރާނެއެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ބާއްވާ ފުރަތަމަ އިންތިޚާބު ކަމަށްވުމުން މިއީ ޓްރަމްޕް ގެންގުޅުއްވާ ޕޮޕިއުލިސްޓް ފިކުރުގެ ހަރުކަށި ސިޔާސަތުތަކާމެދު ރައްޔިތުން ގޮތެއް ނިންމައި، ޓްރަމްޕްގެ ސިޔާސީ މުސްތަޤުބަލު ކަނޑައަޅާނެ އިންތިޚާބުކަމަށް ދަނީ ސިފަކުރެވެމުންނެވެ.

މި އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ހޯދާނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީކަމަށް ޚިޔާލު ހޯދުމުގެ ސަރވޭތަކުން ވަނީ ހާމަވެފައެވެ. އެހެންނަމަވެސް ސެނެޓްގެ އަޣުލަބިއްޔަތު އޮތީ ރިޕަބްލިކަން ޕާޓީއަށް ކަމަށްވެފައި، ސެނެޓްގެ 100 ގޮނޑީގެ ތެރެއިން މަންދޫބުން އިންތިޚާބުކުރަނީ އެންމެ 34 ގޮނޑިއަށް ކަމަށްވާތީ، ސެނެޓް އަޣްލަބިއްޔަތު އަދިވެސް އޮންނާނީ ރިޕަބްލިކަން ޕާޓީއަށްކަމަށް ވަނީ ބެލެވިފައެވެ.