ޚަބަރު

ވިކްރަމަސިންހަގެ ވެރިކަމުގައި ލަންކާގެ ތަރައްޤީ އޮތީ މަޑުޖެހިފައި- ސިރިސޭނާ


މަޤާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ވެރިކަމުގައި ސްރީލަންކާގެ ތަރައްޤީ މަޑުޖެހި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަކަމަށް ސްރީލަންކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާ ތުހުމަތުކުރައްވައިފިއެވެ. ސިރިސޭނާގެ ޕާޓީ އާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ކޮލަމްބޯގައި ބޭއްވި ބޮޑު އެއްވުމެއްގައި ވާހަކަދައްކަވަމުން ސިރިސޭނާވަނީ ރަނިލްއަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެއްވާފައެވެ.

މިއީ ސްރީލަންކާގެ ބޮޑުވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް، އެ މަޤާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕްސަ އައްޔަންކުރުމާ ގުޅިގެން އުފެދިފައިވާ ގަޑުބަޑުތަކުގެ ތެރޭގައި ސިރިސޭނާގެ ސަޕޯޓަރުންނާ އޭނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ކޮލަމްބޯގައި ހުންނަ ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރީގައި ބޭއްވި ބޮޑު އެއްވުމަށް ސިރިސޭނާގެ ސަޕޯޓަރުންގެ އިތުރުން ރާޖަޕަކްސަގެ ސަޕޯޓަރުންވެސް ހާޒިރުވިއެވެ. އެ އެއްވުމުގައި ދުއިސައްތަހާހަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށް އަންދާޒާކޮށްފައިވެއެވެ.

އެއްވުމުގައި ވާހަކަދައްކަވަމުން ސިރިސޭނާ ވަނީ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރަނިލްއަށް ބަހުގެ ޙަމަލާތަކެއް ރައްދުކުރައްވާފައެވެ. މިގޮތުން، މަޤާމުން ދުރުކުރީ ރައްޔިތުންގެ މަސްލަހަތަށް ނުބަލައި ބޭރުގެ އެޖެންޑާތަކަށް މަސައްކަތްކުރާ ފިކުރެއްގެ ވެރިއެއް ކަމަށާއި، ސްރީލަންކާގެ ރައްޔިތުން ދެން، އެ ފިކުރަށް ޖާގަނުދޭނެކަމަށް ސިރިސޭނާ ވިދާޅުވިއެވެ.

މިއީ މަޤާމުން ދުރުކޮށްފައިވާ ރަނިލްއަށް އިޝާރާތްކުރައްވައި ސިރިސޭނާ ދެއްކެވި ވާހަކަފުޅެއްކަމަށްވަނީ ބެލެވިފައެވެ. ރަނިލްގެ ވެރިކަމުގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވާކަމަށް ސިރިސޭނާ ތުހުމަތުކުރައްވާފައިވާއިރު، ރާޖަޕަކްސަ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ޕްރަދީޕް ކަރިވަސަމް ވިދާޅުވީ، ބޮޑުވަޒީރުކަމުން ދުރުކުރުމުންވެސް މަޤާމުގައި ދެމި ހުންނަވަން ބޭރުގެ އެހީއާއި އެތެރޭގެ ސަޕޯޓަރުންތަކެއް ނެރެގެން ރަނިލް ކުރައްވާ މަސައްކަތް ކާމިޔާބު ނުވާނެކަމަށާއި ރައްޔިތުން ތިބީ ރަނިލްއާ ދެކޮޅަށްކަމަށެވެ.

މި އެއްވުމުގައި ބައިވެރިވި ރާޖަޕަކްސަ އާއި ސިރިސޭނާގެ ސަޕޯޓަރުން ވަނީ ރަނިލްގެ ސަރުކާރުން ޤައުމުގެ ހަރުމުދާ ވިއްކާފައިވާކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. ސްރީލަންކާގައި އުފެދިފައިވާ ސިޔާސީ މައްސަލަ ހޫނުވަމުންދާއިރު ރަނިލްގެ ވެރިކަމުގައި ސްރީލަންކާގެ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހި، ފައިސާގެ އަގު ވެއްޓި، ތަކެތީގެ އަގުތައް އުފުލި، ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާތީ ރައްޔިތުންގެ ތާއީދު މިހާރު ބޮޑީ ރާޖަޕަކްސައަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާޖަޕަކްސަގެ ސަރުކާރަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ފައިސާ އާއި އެނޫންވެސް ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރާކަމުގެ ތުހުމަތު ރަނިލްގެ ޕާޓީން ވަނީ ސިރިސޭނާގެ މައްޗަށް ކޮށްފައެވެ.

ސިރިސޭނާވަނީ މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ޤާނޫނު ހަދާ މަޖިލިސް ސަސްޕެންޑް ކުރައްވާފައެވެ. އަދި
މިއާއެކު ސިރިސޭނާ އާއި ރަޖަޕަކްސަގެ ކޯލިޝަނަށް މިމަހުގެ 14 އާ ހަމައަށް މަޖިލީހުގެ އަޣުލަބިއްޔަތު ޔަޤީން ނުކުރެވިއްޖެނަމަ، މަޖިލިސް އުވާލައި އަވަސް އިންތިޚާބަކަށް ދިޔުމަށް ސިރިސޭނާ ނިންމަވާނެކަމަށްވަނީ ބެލެވިފައެވެ.

ރަނިލްގެ ޕާޓީގެ މެންބަރެއްކަމަށްވާ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވަނީ ރާޖަޕަކްސައަށް މަޖިލީހުގެ ރުހުން ދިނުމުގެ ކުރިން އޭނާއަކީ ބޮޑުވަޒީރުކަމަށް ބައްލައވައިގަތުމަށް ދެކޮޅު ހައްދަވަފައެވެ.