ޚަބަރު

ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ހޯރަފުށިން މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާއި ދެކޮޅާށް ފުލުހުން ކުރަމުންގެންގާ މަސައްކަތުގެ ތެރެއިން ހއ.ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްސަ އޮޕްރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ޒުވާނާކު ހައްޔަރު ކޮށްފިއެވެ.

ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު ހިންގުނު މި އޮޕްރޭޝަންގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25އަހަރުގެ ޒުވާނެކެވެ.

މިމީހަ މަގުމަތިން ފެނި ފުލުހުންގެ ބެލުމުގެ ދަށައްގެނެސް ބަލާފާސްކުރިއިރު ގެންގުޅުނު ކޮތަޅެއް ތެރޭގައި އޮތް ރޭޑިޔޯއެއް ރޫޅާ ބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 746 ކުދި ރަބަރު ޕަކެޓްވަނީ ފެނިފައިއެވެ.

މި މައްސަލަ އަންނަނީ ހއ ހޯރަފުށީ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙުޤީޤު ކުރަމުން އެވެ.