ޚަބަރު

އީސީގެ މެމްބަރުން ފުލުހުންގެ އިދާރާއަށް ޙާޒިރުކުރީ މަޢުލޫމާތު ސާފުކުރަން - އީސީ ވަކީލް


އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިއަދު އެ ކޮމިޝަނުން ބޭއްވި ޕްރެންސް ކޮންފަރެންސްއާ ގުޅިގެން ފުލުހުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތެއް ސާފުކުރުމަށްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ވަކީލް ރިފާތު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުންގެ އިދާރާއަށް ޙާޒިރުވުމަށްފަހު ނުކުމެވަޑައިގެން ރިފާތު ވިދާޅުވީ، ފުލުހުން ބޭނުންވީ ބާކީ ވޯޓު ކަރުދާސްތައް ނައްތާލާފައިވާތީ އެކަން ހިނގި ގޮތް ސާފުކޮށްދިނުމަށް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް މެމްބަރެއްގެ ބަޔާނެއް ނަގާފައި ނުވާކަމަށާ، އެއްވެސް މައްސަލައެއް ތަހުޤީގު ކުރާކަމުގެ ވާހަކައެއްވެސް ފުލުހުން ހާމަކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"މައްސަލަ ތަހުގީގު ކުރާ ކަމަކަށް ފުލުހުން ވިދާޅެއް ނުވޭ. ހަމަ މައުލޫމާތު ސާފުކޮށްލީ. މިކަމާ ގުޅޭ އެއްވެސް މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއްނެތް. ބަޔަކު ކުރާ ޓްވީޓަކުން ނޭންގޭނެ ދެއްތޯ އަޅުގަނޑުމެންނަށް ރަސްމީކޮށް އެންގީމަ މައްސަލައެއް ވައްދައިގެ އުޅޭކަންވެސް އެނގޭނީ"

ގާނޫނީ ވަކީލް ރިފާތު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާސްތައް އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއުގެ ބެލުމުގެ ދަށުން އަންދާލުމަށް ނިންމާފައިވާކަމަށެވެ.