ޚަބަރު

ރާއްޖެއިން އެއޯސިސްގެ ޗެއަރގެ ގޮތުގައި ހޯދި ކާމިޔާބީ ދައްކައިދޭ ފޮތެއް ނެރެފި


ކުދި ޖަރީރާ ޤައުމުތަކުގެ ޖަމިއްޔާ، އެލައިއެންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއަރގެ ހައިޞިއްޔަތުން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ދައްކުވައިދޭ ފޮތެއް ނެރެފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިފޮތް ނެރެދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީ ޠާރިޤް އިބްރާހީމެވެ. މިފޮތް ނެރެދެއްވައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އައޯސިސްގެ ޗެއާރމަންކަމުގެ ދަށުން މޫސުމާ ގުޅުންހުރި މުހިއްމު ގިނަ މަސައްކަތްތަކެއް ދިވެހިރާއްޖެއިން ކޮށްފައިވާނެކަމަށެވެ. އަދި އެމިނިސްޓްރީން ނެރުނު މިފޮތަކީ މި މަސައްކަތްތަކުގެ ކާމިޔާބީ ރަމްޒުކޮށްދޭ ފޮތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފާއިތުވި 4 އަހަރުގެ ތެރޭގައި އައޯސިސްގެ ޗެއާރގެ ޙައިޞިއްޔަތުން ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކުގެ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ ގެއްލުންތައް ހޯދައި އެމައްސަލަތައް ހައްލުކުރުމަށް ޕެރިސް އެގްރީމެންޓްގެ ދަށުން ފުޅާދާއިރާއެއްގައި މަސައްކަތްކޮށް ވަކާލާތުކޮށްފައިވާނެކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށްޓަކައި މިނިސްޓްރީން އެކި ފެންވަރުގެ މަސައްކަތް ކޮށްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކު ކުރިއަރާފައިވާ ޤައުމުތަކުންނާއި އަދި ކުރިއަރަމުންދާ ޤައުމުތަކުން މޫސުމާބެހޭ މައްސަލަތައް ހައްލުކުރުމަށް 100 ބިލިއަން ޑޮލަރު ޚަރަދުކުރަން ޖެހޭކަމަށް ކަނޑައެޅުމަކީ އައޯސިސްގެ ޗެއަރގެ ހައިސިއްޔަތުން ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އައޯސިސްގެ ޗެއާރމަންކަމާ ދިވެހިރާއްޖެ ހަވާލުވީ 2015 ވަނަ އަހަރުގައެވެ. އެލައެންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްއަކީ މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ކުދި ޤައުމުތަކަށް ލިބޭ ގެއްލުންތަކަށް ހައްލުހޯދައި އެކަންކަމަށް ވަކާލާތުކުރުމަށްޓަކައި 44 މެމްބަރު ޤައުމާއެކު 1991 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.