ޚަބަރު

އައު ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމަށް އެދިއްޖެ


އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ނައިބު ރައީސް ފައިޞަލް ނަސީމް ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީން އެދޭކަމެއްކަމަށް އެޕާޓީން ބުނެފިއެވެ.

އިންތިޚާބީ ރައީސްގެ އިނޮގްރޭޝަން ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކޮމިޓީގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފް ވިދާޅުވީ އިންތިޚާބީ ރައީސާއި ނާއިބުރައީސް ހުވާ ކުރެއްވުމަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވުމަކީ ވަރަށް ބޮޑު އެދުމެއް ކަމުގައެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދާއި ރައީސް މައުމޫންވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި، އެހެންކަމުން ރައީސް ޔާމީން ވެސް އެގޮތުގައި ނަމޫނާ ދައްކަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާ ކުރައްވާ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމާ ގުޅޭގޮތުން އެމަނިކުފާނުގެ ތަރުޖަމާނުގެ ބަހެއް ވަނީ ނުލިބިފައެވެ.

އިންތިޚާބީ ރައީސް އާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށްވަނީ ހަމަޖެހިފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ 17:00 ގައެވެ. އެގޮތުން މިފަހަރުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ދަނޑުގައި ބާއްވަން ނިންމާފައިވާއިރު، އެ ރަސްމިއްޔާތަށް އެގާރަ ހާހަށްވުރެ ގިނަ މީހުންނަށް ދައުވަތު ދިނުމަށްވަނީ ނިންމާފައެވެ.