ޚަބަރު

އެމްއޭސީއެލްގެ ޚާއްޞަ މަޖައްލާއެއް ލަންޑަންގައި ނެރެފި


ވީއައިއޭ މޯލްޑިވްސްގެ ނަމުގައި އެއަރޕޯޓު އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މައުލޫމަތު ހިމެނޭ މަޖައްލާއެއް މޯލްޑިވްސް އެއަރޕޯޓް ކޮންޕެނީ ލިމިޓެޑުން ނެރެފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިޔަށްދާ ވޯލްޑް ޓްރެވަލް މާރކެޓްގެ ތެރެއިން "ވީއައިއޭ މޯލްޑިވްސް" މަޖައްލާ ނެރެދެއްވީ ރާއްޖެއިން އިނގިރޭސިވިލާތާއި ބެލްޖިއަމްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިއާންނެވެ.

މި މަޖައްލާއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތަކާ ބެހޭ މައުލޫމާތާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ރިސޯޓް، ގެސްޓް ހައުސް އަދި އިތުރު ޚިދުމަތްތަކުގެ މައުލޫމާތު ހިމަނައިގެން ތައްޔާރު ކޮށްފައިވާ މަޖައްލާއެއް ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.

އަހަރަކު ދެފަހަރު ނެރޭ މިމަޖައްލާގައި ހިމެނޭ ފޮޓޯތަކާއި، ލިޔުންތައް ތައްޔާރުކުރުމަށް އެމްއޭސީއެލްއިން ކޮންޓްރެކްޓްކޮށްފައިވަނީ ރާއްޖޭގެ އެމިއްލަ ކުންފުންޔެއްކަމަށްވާ ތިންކް އެޑްވަޓައިޒިންނާއެވެ. އަދި މިމަޖައްލާ މާރކެޓުކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރާނީ ތިންކް އެޑްވަޓައިޒިންއިން ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.

މިމެގަޒިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެކި ތަންތަނުން ލިބެން ހުންނާނެކަމަށް އެމްއޭސީއެލްއިން ބުނިއެވެ. އަދި އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންނަށްވެސް މި މެގަޒިން ބެހުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ.
މިމެގަޒިން ކުރިން ވަނީ ރާއްޖޭގައިވެސް ލޯންޗް ކޮށްފައެވެ.