ޚަބަރު

މަތީ ތައުލީމަށް ހިލޭ ކިޔެވެން ފެށުމުން އެމްއެންޔޫގެ މަސައްކަތްތައް ފުޅާވާނެ


އައު ސަރުކާރުން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ހިލޭ ކިޔަވައިދިނުމުގެ ފުރުސަތު ހުޅުވާލުމާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ މިއަހަރުގެ އެކްސްކޯ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ވިދާޅުވީ މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ފުރުސަތު ހުޅުވާލުމަކީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ ވަޢުދުފުޅެއްކަމުން، ހިލޭ މަތީތައުލީމު ޙާސިލްކުރުމުގެ ފުރުޞަތު ފަހިވުމާއެކު އެމްއެންޔޫގެ އޮޕަރޭޝަންސްތައް އިތުރަށް ފުޅާވެގެންދާނެކަަމަށެވެ.

އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަންއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޑރ. ފަވާޒް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އެޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން ބޮޑެތި ކާމިޔާބީތައް ހޯދާފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެޔުނިވަރސިޓީގެ އޮޕަރޭޝަންސްތައް ފުޅާވެގެންދާއިރު ސްޓޫޑެންޓް ޔޫނިއަންގެ މަސައްކަތްތައްވެސް އިތުރަށް ފުޅާކުރަންޖެހޭކަމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޔޫއިން 2019 ވަނަ އަހަރަށް ސްޓޫޑެންޓް ޔޫނިއަންގެ އެގްޒެކެޓިވް ބޯޑަށް 8 މެމްބަރުން އައްޔަންކޮށްފައިވާއިރު ބޯޑްގެ ރައީސަކަށް ހޮވާފައިވަނީ އެޔުނިވަރސިޓީގެ ދަރިވަރެއްކަމުގައިވާ އަރުޝަދް އަޝްރަފްއެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއަކީ އެޔުނިވަރސިޓީގައި ކުރިއަށްދާ އެކި އެކި ހަރަކާތްތައް ހިންގުމުގައި އިސް ދައުރެއް އަދާކުރާ ދަރިވަރުންގެ ޖަމިއްޔާއެވެ. އެގޮތުން އިޖުތިމާޢީ ހަރަކާތްތަކާއި ޔުނިވަރސިޓީ ފެންވަރުގެ އެކި އެކި މުބާރާތްތަކާއި ޢިލްމީ ފޯވަހިތައް ބޭއްވުމުގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރަނީ ޤައުމީ ޔުނިވާރސިޓީގެ ސްޓޫޑެންޓް ޔޫނިއަނުންނެވެ.