ޚަބަރު

ޑރ.އަފްރާޝީމާއި ރިޟްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަލުން ބަލަނީ


މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރުދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައާއި، ނޫސްވެރިޔާ އަޙްމަދު ރިޟްވާނު ގެއްލުނު މައްސަލައާއި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލަ އަލުން ތަހުޤީގުކުރަން ފަށައިފިއެވެ.

ފުލުހުން މިކަން ހާމަކުރެއްވީ އެ އިދާރާއިން ކުރި ޓްވީޓެއްގައެވެ. ފުލުހުން ވިދާޅުވެފައިވަނީ މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.

ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލީ 2013ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުގެ ރޭ 1:30 ހާއިރު އޭނާ ދިރިއުޅުއްވި ގެ، ހ.ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ދައުލަތުން ދެމީހެއްގެ މައްޗަށް ދަޢުވާކުރި ނަމަވެސް އޭގެތެރެއިން ދައުވާ ސާބިތުވީ ހުސައިން ހުމާމްގެ މައްޗަށް އެކަންޏެވެ. މި ޖަރީމާގެ އަޑީގަތިބީ ކޮންބައެއްތޯ މިހާތަނަށް ހޯދިފައެއް ނުވެއެވެ. ޑރ.އަފްރާޝީމް އަވަހާރާކޮށްލީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފައިސާ ޚަރަދުކޮށްގެންކަން ފުލުހުންވަނީ ކުރިން ހާމަކޮށްފައެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން 2014ވަނަ އަހަރުގެ އޮގަސްޓް، މަހު ގެއްލުނު ފަހުން އޭނާއަށް ވީގޮތެއް މިއަދާ ހަމައަށްވެސް ހޯދިފައެއް ނުވެއެވެ. އޭނާ ގަދަކަމުން ފޮރުވިކަމަށްބުނެ ދެމީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިޔަސް، އެދެމީހުންގެ މައްޗަށް ކުށްސާބިތުނުވާކަމަށް ވަނީ ހުކުމްކޮށްފައެވެ.

މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.