ޚަބަރު

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު ދޫކޮށްލުމަށް އަމުރުކޮށްފި


ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ހަސަން ސައީދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުކުރީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާ މައްސަލައެއް ރިވިއު ކުރުމަށްފަހުއެވެ. އޭނާ މިނިވަން ކޮށްފައިވަނީ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނިކޮށެވެ.

ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ ހަސަން ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހުގައެވެ. ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހަސަން ސައީދު ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ހައްޔަރުކުރިއެވެ. އަދި މި ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމުގެ ދައުވާ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ބާޠިލުކޮށްފައެވެ.