ޚަބަރު

އަންނަ އަހަރު ސެޓިފިކެޓް ލެވަލް 3ގެ ތިން ކޯހެއް ހިންގާނަން - ޓިވެކްް


އަންނަ އަހަރު ލެވެލް-3 ގެ 3ކޯހެއް ދެ ބުރެއްގެ މަތިން ހިންގާނެކަމަށް ބ ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަންލް އެޑިއުކޭޝަން ސެންޓަރ (ޓިވެކް) އިން ބުނެފިއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ޓިވެކްގެ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު ނަޒީފް ވިދާޅުވީ އަންނަ އަހަރު ބާއްވާނީ މިއަހަރު ބޭއްވި ކޯސްތައްކަމަށާ، އެހެން ނަމަވެސް މިއަހަރު ނިންމި ދަރިވަރުން ކޯހަށް އެދޭ މިންވަރަށް ބެލުމަށްފަހު، ލެވެލް-4 ގެ ކޯސް ފެށުމަށް ވިސްނަމުންދާކަމަށެވެ.

ނަޒީފް ވިދާޅުވީ އަންނަ އަހަރު ލެވަލް 3 ގެ ފުރަތަމަ ކޯސްތައް ފެށުމަށް ޓިވެކުން ނިންމާފައިވަނީ ޖެނުއަރި 20 ވަނަ ދުވަހު ކަމަށެވެ. އަދި މީގެ ދެވަނަ ކޯސް ފަށާނީ އެއަރުގެ ޖޫންމަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަޒީފް ވިދާޅުވީ މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ހުޅުވާލާނެކަމަށެވެ. މީގެ އިތުރުން އޯޕަންޑޭ ރާއްޖޭގެ 4 ޞަރަޙައްދެއްގައި ބޭއްވުމަށް ތައްޔާރު ވަމުންދާކަމަށް ނަޒީފް ވިދާޅުވިއެވެ.

ޓިވެކުން އަންނަ އަހަރު ހިންގުމަށް ހަމަޖެހިފަވަނީ އެއަރކަނޑިޝަން އެންޑް ރެފްރިޖަރޭޝަން ކޯހާ އިލްކްޓްރިޝަން ކޯހަކާ، ޑީސަލް އަދި ޕެޓްރޯލް އިންޖީނު މަރާމާތު ކުރުމުގެ ސެޓިފިކެޓްލެވެލް ކޯސްތަކެކެވެ.

ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ހުނަރުވެރި ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު އިތުރުކުރުމުގެ ބޭނުމުގައި ޓިވެކުން ހިންގި ތަފާތު ފަންނުތަކުގެ ކޯސްތަކުގެ އެހީގައި މިއަހަރު އެކަނިވެސް 44 ކުއްޖަކު ވަޒީފާގެ ބާޒާރަށް ނެރެފައިވާކަން ޓިވެކުން ފާހަގަކުރެއެވެ.

މުޅި ރާއްޖެއަށް ޢާންމުކޮށް ހުޅުވާލައިގެން، ޓިވެކުން ހިންގާ ކޯސްތަކަުގައި ބައިވެރިވާ ދަރިވަރުން ކިޔެވުމުގެ ފީއާއި ކިހާދޫގައި ހުރުމާއި ކެއުމުގެ ޚަރަދު ބަލަހައްޓަނީ ކޯސްޓްލައިން ފައުންޑޭޝަނުން ހިންގާ ޓިވެކް ސެންޓަރުންނެވެ.