ޚަބަރު

މަސީޙްގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ފުލުހުންނަށް ހުށަހަޅައިފި


ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބުދުﷲ މަސީޙު މުޙައްމަދުގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުކު ފުލުހުންނަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަމަށް ކުރިން ކަނޑައަޅެޅި 12 މެންބަރުން ސަލާމަތީ ބާރުތައް ބޭނުންކޮށްގެން މަޖިލީހަށް ވަނަ ނުދީ ހިފަހައްޓައި، އެ މެންބަރުންނާއި މެދު ހިންގާފައިވާ ކަންތައްތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ މައްޗަށް ޖިނާއީ ތަޙްޤީގެއް ހިންގައިދިނުމަށްއެދި 12 މެމްބަރުންގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިއަދުއެވެ.

މަސީޙާ ދެކޮޅަށް ޖިނާއީ ދައުވާއެއް ފުލުހަށް ހުށަހެޅުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވީ މި މައްސަލައަކީ 12 މެންބަރުންގެ އަމިއްލަ މަސްލަހަތަށްވުރެ އެ މެންބަރުން ތަމްސީލުކުރަމުން އަންނަ ދާއިރާތަކުގެ ރައްޔިތުންގެ ޙައްޤުތަކާއި ގުޅިފައިވާ މުހިންމު މައްސަލައެއް ކަމަށެވެ.

"މެންބަރުންގެ ގަޔަށް އަތްލާ ގަދަ ކަމުން އެ މެންބަރުން މަޖިލީހުން ނެރެފައިވާ މައްސަލަ، މެންބަރުން ގަދަކަމުން މަޖިލީހުގެ ގޭޓު މަތިން ބޭރަށް އުކި މައްސަލަ، 12 މެންބަރުން ހިފާ ހައްޔަރުކޮށް ޖަލަށްލާ އަނިޔާ ދެމުން ދިޔަ އިރު އެކަންކަން ހުއްޓުވަން އެއްވެސް މަސައްކަތެއް މަސީހު ކޮށްފައިނުވޭ." އަމީތު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހުރިހާ މެންބަރުންވެސް ވަނީ އެބޭފުޅުންނަށް ލިބުނު އަނިޔާގެ ބަދަލު ހޯދުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާއަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު އަދާކޮށްފައިވާ ދައުރު ބަލައި ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން ސޮއިކުރައްވައި މަޖިލީހުގެ ކުރީގެ ރައީސާ ދެކޮޅަށް ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެއެވެ. 12 މެމްބަރުން ވަނީ އެމެމްބަރުން ނުޙައްޤުން ބަންދުކޮށް ޖަލަށްލިއިރު އެ ކަންތައްތަކާ ދެކޮޅަށް މަޖިލީހުގެ އޭރުގެ ރައީސް މަސީޙް އެއްވެސް ކަމެއް ކުރައްވާފައި ނުވާކަން ފާހަގަކޮށް، މެންބަރުންނާ ދެކޮޅަށް ހިންގި ކަންކަމުގައި މަސީޙް ބައިވެރިވި ކަމަށް ތުހުމަތުކޮށްފައެވެ.