ޚަބަރު

ރައްޔިތުންގެ ބަހަކީ އައު ސަރުކާރުގެ މައިގަނޑު އަސާސަކަށް ހަދާނަން - މާރިޔާ


ރައްޔިތުންގެ ބަހަކީ އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ހިންގުމުގެ މައިގަނޑު އެއް އަސާސްކަމުގައި ހައްދަވާނެކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމުގެ މަތިން ބޭއްވުމަށް ހަމަޖެހިފައިވާ "ޖަޒީރާ ހޮޅުއަށި" ފޯރަމާގުޅޭ މަޢުލޫމާތު މީޑިއާތަކާއި ޙިއްސާކުރައްވަމުން އިންތިޚާބީ ރައީސްގެ ތަރުޖަމާނު، މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ރައްޔިތުންގެ ބަހަކީ އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ މައިގަނޑު އަސާސެއްކަމަށާއި، އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން މި ފަދަ ފޯރަމެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމުންވެސް އެމަނިކުފާނު މިކަމަށްދެއްވާ އިސްކަން ހާމަވާ ކަމަށެވެ.

އައު ސަރުކާރުން ކުރާ ކަންކަމުގައި ރައްޔިތުންނާއެކު މަޝްވަރާކުރުމަށް ސިލްސިލާކޮށް ބޭއްވުމަށް ނިންމާފައިވާ "ޖަޒީރާ ހޮޅުއަށި" ފޯރަމް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ފޯރަމްގައި މަޝްވަރާކުރާނީ މާލޭގެ މަގުތަކާ ގުޅޭގޮތުންކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު ވިދާޅުވިއެވެ. އެގޮތުން މާލޭގައި މަގުތަކުގައި ރައްޔިތުންނަށް ދިމާވާ ދަތިތަށް އިންތިޚާބީ ރައީސްއާއި އެމަނިކުފާނުގެ ސަރުކާރުން ގާތުން އަޑު އަހައި އެ މައްސަލަތަކަށް އެކަށޭނަ ދާއިމީ ހައްލެއް ހޯދޭނެ ގޮތްތަކަކާ ގުޅޭގޮތުން މަޝްވާރާކުރުމަށް ހަމަޖެހިފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

"
"އަޅުގަނޑުމެން ކަންބޮޑުވެގެން އުޅުނިން، މިދިޔަ 5 އަހަރުދުވަސް މިދިޔައީ ހަމަ އެއްގޮތަކަށްވެސް ރައްޔިތުން ގާތުގަ އަހާލުމެއްނެތި ރައްޔިތުންގެ ކަންކަން ނިންމަމުން ދިޔައީ. އަނެއްކާ ނިމޭއިރު އެއަށް ކިހާ ފައިސާއެއްކަމެއް ރައްޔިތުން އަތުން ޚަރަދުވެގެންދާނީ. މިއިން އެއްވެސް ކަމެއް ނޭންގި ތަރައްޤީގެ ނަމުގައި ބައިވަރު ކަންކަމެއް ވަމުން ދިޔައީ. އެހެންމަ މިނޫންގޮތަށް ކަންކަން ކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަޒުމް ކަނޑައަޅުއްވައިގެން ނުކުންނަވާއިރު ރައްޔިތުންގެ ބައިވެރިވުން މިކަމަށް ދެއްވުމަކީ އިންތިޚާބީ ރައީސްގެ ވަރަށްބޮޑު އެދުމެއް"
އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ

މިރޭ 8:30 ގައި ދަރުބާރުގޭގައި ކުރިއަށްގެންދާ މި ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މި ފޯރަމްގައި ބައިވެރިވެ ސުވާލު ހުށަހެޅުމުގެ އިތުރުން އިންތިޚާބީ ރައީސްގެ ރަސްމީ ވެބްސައިޓް، އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް މި ފޯރަމަށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

ޖަޒީރާ ހޮޅުއަށީގެ ފުރަތަމަ ފޯރަމް މާލޭގައި ބޭއްވި ނަމަވެސް ރާއްޖޭގެ އެކި ރަށްރަށުގައި މި ފަދަ ފޯރަމްތައް ބާއްވައި ދައުލަތް ހިންގުމުގައި ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު ވިދާޅުވިއެވެ.