ޚަބަރު

އަލަތު ކައިވެނި ކެޓަގަރީއަށް ފޯމް ހުށަހެޅި އެންމެންނަށް ފްލެޓް ދޭން ނިންމައިފި


ސަރުކާރުން ކުރިއަށް ގެންދިޔަ "ހިޔާ" މަޝްރޫއުގެ ދަށުން އަލަތު ކައިވެނި ކުރި ފަރާތްތަކުގެ ކެޓަގަރީން ޝަރުތު ހަމަވި ހުރިހާ އެންމެނަށް ފްލެޓު ދޭން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

"ހިޔާ" މަޝްރޫއުގެ ފްލެޓްތައް ދޭން ނިންމި ފަރާތްތަކާ ގުޅޭ މަޢުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ފްލެޓު ދިނުމަށް ސަރުކާރުން ކަނޑައެޅި މިންވަރަށް ވުރެ އެ ދާއިރާގެ ފްލެޓުތަކަށް އެދުނު މީހުންގެ އަދަދު މަދު ކަމަށެވެ. އެހެންކަމުން އެ ކެޓަގަރީން ފްލެޓަށް އެދުނު ޝަރުތު ހަމަވާ ހުރިހާ އެންމެނަށް ފްލެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"އަލަތު ކައިވެނި ކެޓަގަރީއަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެ ކެޓަގަރީއަށް ޝަރުތު ހަމަވި އެއްވެސް ފަރާތެއް އުނިނުވާނެ. އެ ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭނެ. އެގޮތަށް ނިންމީ އެދާއިރާއިން ފްލެޓް ދޭން ކަނޑައެޅި އަދަދަށް ފޯމް ހުށަހަޅާފައި ނުވާތީ" މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުޢިއްޒު ވިދާޅުވީ އަލަތު ކައިވެނީގެ ކެޓަގަރީން ފްލެޓު ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މިހާރު އާންމުކޮށްފައިވާ ކަމަށާއި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލާފައިވާ ކަަމަށެވެ. އަދި ހުށަހެޅޭ ޝަކުވާތަކަށް ބެލުމަށްފަހު، ހަފްތާއެއްހާ ދުވެހުގެތެރޭގައި ދާއިމީ ލިސްޓް އިއުލާން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓާއި ގުޅޭ ގޮތުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ދާއިމީ ލިސްޓް އާންމު ކުރީ ވަގުތީ ލިސްޓް އާންމު ކުރުމުން ލިބުނު ޝަކުވާތައް ވަރަށް ރަނގަޅަށް ބެލުމަށްފަހު، އިދާރީ ގޮތުން ހުރި ހުރިހާ މައްސަލަތަކެއްވެސް ހައްލުކުރުމަށްފަހު ކަމަށެވެ. އެގޮތުން ދާއިމީ ލިސްޓް އާންމުކުރީ ބައެއް ބަދަލުތަކާއެކު ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

"ވަގުތީ ލިސްޓަށް ހުށަހެޅި ކޮންމެ ޝަކުވާ ފޯމެއް ދެމީހަކު ވެގެން ވާނީ ދެފަހަރަކަށް ކިޔާފައި. ވަގުތީ ލިސްޓް އާންމުކުރިއިރު މިނިސްޓްރީގެ އިހުމާލެއް އޮތްނަމަ ދާއިމީ ލިސްޓް އިއުލާން ކުރީ އެކަންކަން ރަނގަޅު ކޮށްފައި. އެހުރިހާ ކަމެއް ބެލުމަށްފަހު ދާއިމީ ލިސްޓްގައި ހިމަނަން ޖެހޭ އެންމެންވާނީ ހިމަނާފައި." މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވަގުތީ ލިސްޓްގައި ފްލެޓް ލިބޭކަމަށްއޮވެ، ދާއިމީ ލިސްޓްގައި ނަން ނުހިމެނިވާނީ މައިގަނޑު 2 ސަބަބަކާހުރެ ކަމަށެވެ. އެއީ ދެމަފިރިންނަށް ފްލެޓު ލިބުމާގުޅިގެން ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކެއްގެ ނަން އުނިކުރުމާއި، ފްލެޓަށް އެދި ހުށަހެޅި ފޯމްގައި ދޮގު މައުލޫމާތު ހިމެނިކަން ސާބިތުވެގެން ނަން އުނިކުރި ފަރާތްތައް ކަމަށެވެ.

މިނިސްޓަރު ވަނީ ހިޔާގެ ފްލެޓަށް ކުރިމަތިލި ބާވީސް ހާހަށް ވުރެ ގިނަ މީހުނަށް ފްލެޓް ނުލިބުމަކީ ސަރުކާރާއި އެމަނިކުފާނުގެ އިސްތަށިފުޅުގައި ތަފާތު ދޮގު އިލްޒާމްތައް އަޅުވަން ޖެހޭނެ ސަބަބެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވާނީ ދެފުށްފެންނަ ގޮތަށްކަމަށާއި އެގޮތުން ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލިއިރު ވެސް އެކި ދާއިރާތަކުން ޕޮއިންޓް ލިބޭނެ ގޮތްތައް އާންމުކޮށް، ފްލެޓް ދޭންޖެހޭ ފަރާތްތައް ހޮވާފައި ވާނީ ވަރަށް އިޚްލާސްތެރި ކަމާއެކުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.