ޚަބަރު

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2018 ރާއްޖޭގައި ފަށަން ތައްޔާރުވެއްޖެ


ރާއްޖޭގައި ބާއްވާ ސިއްޙީ ދާއިރާއާ ގުޅުންހުރި އެންމެ ބޮޑު އެއް ކޮންފަރެންސް "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2018" ބޭއްވުމަށް އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުން އިސްނަގައިގެން ބާއްވާ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2018" މިކޮންފަރެންސްގައި ސިކުނޑިއާއި މައިބަދައިގެ އެކި ބަލިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ. ސިކުނޑިއާއި މައިބަދައިގެ އެކި ބަލިތަކާއި ސަރޖަރީތަކާއި ގުޅޭގޮތުން ބާއްވާ މިކޮންފަރެންސް އަންގާރަ އަދި ބުދަ ދުވަހު ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގައި ނިއުރޯސަރޖަރީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި މިދާއިރާގައި މަސައްކަތްކުރާ ބޭރުގެ ތަޖުރިބާކާރު ޑޮކްޓަރުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭޑިކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްއާލް ވިދާޅުވީ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި ރާއްޖޭއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ތައްޔާރުކޮށްފައިވާ ސައިންޓިފިކް 33 ކަރުދާހާއި އެއާ ގުޅުންހުރި އިތުރު 20 ކަރުދާހެއް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ކޮންފަރެންސްގެ ތެރެއިންށް މައިބަދައިގެ ޑިސްކު ބަދަލުކުރުމާއި ޑިސްކު ރަނގަޅުކުރުމުގެ 2 ސަރޖަރީއެއް ކުރުމަށް ހަމަޖެހިފައިވާކަމަށާއި، މިދެ ސަރޖަރީ ކުރިއަށް ދާވަގުތު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ސަރޖަރީކުރިއަށް ދާގޮތް ވަގުތުން ދެއްކުމަށް ހަމަޖެހިފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ދަރިވަރުންގެ އިތުރުން ޢާއްމުނަށްވެސް ސަރޖަރީކުރާ މަންޒަރު ބަލާލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އޭޑީކޭ ހޮސްޕިޓަލްގެ ނިއުރޯ ސަރޖަން ޑރ. ޢަލީ ނިޔާފް ވިދާޅުވީ މިފަދައިން ސަރޖަރީތައް ލައިވްކޮށް ދެއްކުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާކަމެއް ކަމަށާއި މީގެ ސަބަބުން ސިއްޙީ ޚިދުމަތަށް ޢާންމުން ކުރާ އިތުބާރު ބޮޑުވެގެންދާނެކަމަށެވެ.

މި ކޮންފަރެންސްގެ ތެރެއިން ނިއުރޯސަރޖަރީގައި ބޭނުންކުރާ ބައެއް އީޖާދުތައް ރާއްޖެއަށް ތަޢާރަފްކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ ސަރަޙައްދީ ފެންވަރުގައިވެސް ރާއްޖެއަށް ލިބިގެންދާ ކާމިޔާބީއެއްކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ބައިވެރިވާ މިކޮންފަރެންސް ބާއްވާ މިއީ ދެވަނަ ފަހަރެވެ.