ޚަބަރު

ހއ ދިއްދޫގަ ހުރި ފަޅު ގޯތިތައް ސާފުކޮށް ކައުންސިލަށް ނަގަނީ


ހއ ދިއްދޫގައި މީހުން ދިރިނޫޅޭ ފަޅު ގޯތިތައް ސާފު ކޮށް ކައުސިލަށް ނެގުމަށް ހއ ދިއްދޫ ކައުންސިލުން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމް ވިދާޅުވީ ދިއްދޫ ކައުންސިލް އިދާރާއިން އިސްނަގައިން ދިއްދޫގައި ހުރި މީހުން ދިރިނޫޅޭ 50 ފަޅުގޯތި، އެ ގޯތި ތަކުގެ ވެރިންގެ އެހީތެރިކަމާއެކު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މިިދިޔަ މަހުގެ ތެރޭގައި މިމަސައްކަތް ފަށާފައިވާއިރު މިހާތަނަށް 10 ގޯއްޗެއް ސާފުކޮށް ނިމިފައިވާކަމަށް ދިއްދޫ ކައުންސިލުން ބުނެއެވެ.

ހާޝިމް ވިދާޅުވީ، ކައުންސިލުން އިސްނަގައިގެން ފަޅުގޯތިތައް ސާފުކުރަން ފެށީ އޭގެ ސަބަބުން ޢާއްމުންނަށް ދަތި އުދަގޫތަކާއި ކުރިމަތިވަމުންދާތީކަމަށެވެ. އޭގެތެރޭގައި މަދިރި އާލާވުމާއި، އެހެނިހެން ދިރޭ ސޫފާ ސޫފީގެ ސަބަބުން ޢާއްމުންނަށް ދިމާވާ ދަތިތައް ހާޝިމް ފާހަގަކުރެއްވިއެވެ. ކައުންސިލުން ކުރިޔަށްގެންދާ މި ޕްރޮގުރާމުގެ ދަށުން ފަޅު ގޯތިތަކުގައި ހުރި ގަސްތައް ކަނޑައި، ވިނަ ނޮޅާ ސާފުކޮށް، މަދިރިއާއި އެހެނިހެން ސޫފާސޫފި އާލާވާ ތަންތަން ސާފުކުރުން ހިމެނެއެވެ.

ފަޅު ގޯތިތަކުގެ ކަންތަކުގަ ކައުންސިލުން ޢަމަލުކުރާނެ އުޞޫލު ހާމަކުރައްވާ ހާޝިމް ވިދާޅުވީ، ވިސްނުން ހުރީ ކައުންސިލަށް ގޯތިތައް ނެގުމަށް ފަހު ސިނާޢީ ކަންކަމަށާއި ދަނޑުވެރިކަމަށް ބޭނުންކުރަން ކުއްޔަށް ދިނުމަށް ކަމަށެވެ. އެގޮތުން ސާފުކުރާ ގޯތިތައް ކައުންސިލަށް ކުއްޔަށް ނެގުމަށްފަހު ކައުންސިލުގެ ބެލުމުގެ ދަށުން
ދިއްދޫގަ ޞިނާޢީ އެކިއެކި މަސައްކަތް ކުރާ ފަރާތްތަކައް ބިންތައް ދޫކުރެވެނެކަމަށް ދިއްދޫގެ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްޤީއަށް ހިންގާ ކަންކަން ކުރުމަށް ޢާމްދަނީ ހޯދުމަށްވެސް މީގެ ބޭނުންކުރެވޭނެކަމަށް ހާޝިމު ވިދާޅުވިއެވެ.

މީގެ އިތުރަށް ދިއްދޫއަކީ ދަނޑުވެރިކަން ކުރުމުގެ ޝައުޤުވެރިވާ ފަރާތްތައް ގިނަ ރަށަކަށްވެފައި ގޯތިތައް ކައުންސިލަށް ނެގުމުން އެފަދަ ފަރާތްތަކައް ރަށުގައި ލިބެން ނެތް ތަރުކާރީގެ ބާވަތްތައް ހައްދާ އޭގެއިން އާމްދަނީ ލިބުމުގެ އިތުރަށް، ޢާއްމު ރައްޔިތުންނަށް މިކަމުގެ މަންފާ ކުރާނެކަމަށް ކައުންސިލުން ބުނެއެވެ. މީގެ ސަބަބުން ރަށު ކައުންސިލަށާއި ރަށުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ދިއްދޫ ކައުންސިލުން މިހާރުވަނީ ކައުންސިލުގެ ބޭނުމަށް ރަށުގެ ފަޅު ގޯތި ކުއްޔަށް ދޫކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން ރަށުގައި ހުރި ފަޅު ގޯތިތައް ކައުންސިލަށް ކުށްޔަށް ދޫކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެކަން ކައުންސިލަށް އެންގުމަށް ވަނީ އެދިފައެވެ.