ޚަބަރު

ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން މަޖިލީހުން ނިންމައިފި


މިއަހަރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަން ވީހައި ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ މިއީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ އަހަރު ކަމަށާއި މަޖިލީހުގެ ބަޖެޓުގެ ތަނަވަސްކަން ތަންދިން މިންވަރަކުން އެކަން ވީހާވެސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ.

މޫސަ ވިދާޅުވީ ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މަޖިލީހުން ފުރިހަމައަށް ތައްޔާރުވަމުން އަންނައިރު، އެ އުފާވެރި މުނާސަބާ އެހެން މުއައްސަސާތަކުންވެސް ވީހާވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަކީ މަޖިލީހުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުވެސް ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ކުލަގަދަކޮށް ބޭއްވުމަށް ރައްޔިތުންގެ މަޖީލީހުގެ އިދާރާއިން ދަނީ ތައްޔާރުވަމުންނެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުލަގަދަ ކުރުމުގެ ގޮތުން ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ރައީސުންނާއި ނައިބް ރައީސުންނަށް ވެސް އެ ރަސްމިއްޔާތަށް ދައުވަތު ދެއްވަން ނިންމާފައިވާ ކަމަށާއި އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ ގައުމީ ފުޓްބޯޅަ ދަނޑުގައި ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުން ޖުމްހޫރީ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުންވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ކުރަން ރާވާފައިވާ އެއްވެސް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.