ޚަބަރު

މަޖިލީހުގެ ރައީސްގެ ކިބައިގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތައް ހުރުން ލާޒިމެއް ނޫން- މަޖިލިސް


ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް ހުންނަވާ ބޭފުޅެއްގެ ކިބައިގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތައް ހުރުން ލާޒިމް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކް މިހެން ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެ މަޤާމަށް ޝަރުތު ހަމަވެތޯ ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައި ވަނިކޮށެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސްގެ ކިބައިގައި ހުންނަން ޖެހެނީ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ވެސް ހުންނަން ޖެހޭނެ ކަމަށް ޤާނޫނުގައި ބުނެފައިވާ ޝަރުތުތައް ކަމަށެވެ. އެގޮތުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް މަޖިލީހުގެ މެމްބަރުކަން ކުރެވޭއިރު، މަޖިލީހުގެ ކޮންމެ މެމްބަރަކަށް މަޖިލީހުގެ ރައީސްކަން ނުވަތަ ނައިބު ރައީސްކަން ކުރެވިދާނެކަމަށް މޫސަ ވިދާޅުވިއެވެ. އަދި އެ ދެ މަގާމަށް ވަކި ޚާއްސަ ޝަރުތެއް ފުރިހަމަވާން ޖެހޭކަމަށް ޤާނޫނުގައި ބުނެފައިނުވާ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެއްވެސް ހާލަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ނައިބު ރައީސްގެ މަގާމު ވަގުތީ ހުސްވެއްޖެނަމަ، ވަގުތީ ގޮތުން އެ މަގާމާ ހަވާލުވާން ޖެހެނީ މަޖިލީހުގެ ރައީސްކަމަށްވުން ކޮންމެހެން ލާޒިމް ނޫން ކަމަށެވެ. އެގޮތުން ޤާނޫނު އަސާސީގެ 124 ވަނަ މާއްދާގެ ހ. އަދި ށ. ގައި ވެސް، މަޖިލީހުގެ ރައީސަށް ވެރިކަމާ ހަވާލުވެވެން ނެތް ނަމަ، އެކަމާ ހަވާލުވާނީ މަޖިލީހުގެ ނައިބު ރައީސް ނުވަތަ މަޖިލީހުން ކަނޑައަޅާ އެހެން މެމްބަރަކުކަން މޫސަ ފާހަގަކުރެއްވިއެވެ.

"ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބު ކުރެވޭ މީހެއްގައި ހުންނަންޖެހޭ އުމުރުގެ ޝަރުތު ފުރިހަމަ ނުވާ މީހަކަށް ވެސް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވެ، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް އިންތިޚާބުވުމަށް ޤާނޫނު އަސާސީން ހުރަހެއް ނެތް." މޫސަ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެ މަޤާމުގައި ހުންނެވޭނެ ކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައި މިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސްގެ މަގާމަށް ހުސްކަމެއް އަތުވެއްޖެނަމަ، ވަގުތީ ގޮތުން ވެރިކަމާ ހަވާލުވާން ޖެހިލައްވާނީ މަޖިލީހުގެ ރައީސް ކަމުގައި ހުންނަވާ ބޭފުޅެއް ކަމަށް ޤާނޫނު އަސާސީގައި ބުނެފައި އޮތުމުންނެވެ. އެގޮތުން ޤާނޫނުއަސާސީގައި ވަނީ 65 އަހަރުން މަތީގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމް އަދާ ނުކުރެއްވޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިޚާބު ކުރެއްވީ އެ މަޤާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވީ އިދިކޮޅު ފަރާތްތަކުން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، އެޖެންޑާ ކޮށްފައި ވަނިކޮށެވެ.