ޚަބަރު

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން ޚާއްސަ ހަދިޔާއެއް


މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން 10 މީހަކަށް މަސްވެރިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތުދޭން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާގެ ހަޒާންދާރު އަގްލީމް ވިދާޅުވީ މި ހަދިޔާއަކީ ގެމަނަފުށީ މަސްވެރިން ޓުވީޓާ އެކައުންޓް ފޮލޯކުރަމުންދާ ފަރާތްތަކުގެ ތެރެއިން ފިރިހެން ފޮލޮވަރުންނަށް ޙާއްސަ ހަދިޔާއެއްކަމަށެވެ. އެގޮތުން ގެމަނަފުށީ މަސްވެރިން ޓުވީޓާ އެކައުންޓް ފޮލޯކުރާ 10 ފަރާތަކަށް މަސްވެރިކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތުދޭން ނިންމާފައިވާކަމަށް އަގްލީމް ވިދާޅުވިއެވެ.

އެ ޖަމިއްޔާއިން ބުނީ މި ފުރުސަތު މަސްވެރިންނަށާއި މަސްވެރިކަން ނުކުރާ ފަރާތްތަކަށް ވެސް ދޭނެކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގެމަނަފުށި މަސްވެރިންގެ ޓްވިޓާ އެކައުންޓަށް މެސެޖެއްކޮށްލުމުން ގުރުއަތުގައި ބައިވެރިވެވޭނެކަން ފާހަގަކުރަމުން އަގްލީމް ވިދާޅުވީ މިހާރުވެސް ގިނަ އަދަދެއްގެ މީހުން ނަން ފޮނުވާފައިވާ ކަމަށެވެ.

ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން ބުނީ ގުރުއަތުން ހޮވޭ ފަރާތްތަކުން އަމިއްލަ ޚަރަދުގައި ޑިސެމްބަރުމަހުގެ ނުވަވަނަ ދުވަހު ކޫއްޑޫއަށް ދާންވާނެކަމަށެވެ. އެއައްފަހު ގެމަނަފުއްޓައް ދިއުމާއި،ކެއުމާއި، ހުރުމުގެ އިތުރުން ދަތުރާއިގުޅޭ އެހެނިހެން ހަރަދުތައް އެ ޖަމިއްޔާއިން ހަމަޖައްސައިދޭނެކަމަށް އަގްލީމް ވިދާޅުވިއެވެ.

ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން ބުނީ މިފަދަ ކަންކަން ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގްސަދަކީ ޒުވާނުން މިދާއިރާއަށް ޝައުގުވެރި ކުރުވުމާއި މަސައްކަތުގެ މައިދާނަށް ނިކުތުމަކީ މުހިންމު ކަމެއްކަން އަނގައިދިނުމަށް ކަމަށެވެ.

މީގެ އިތުރުން އެޖަމިއްޔާއިން ވަނީ ކައިރި މުސްތަގުބަލެއްގައި މިފަދަ ހާއްސަ ކަމެއް އަންހެން ބޭފުޅުންނަށްވެސް ކުރިއަށް ގެންދާނެ ކަމުގެ އުފާވެރި ހަބަރު ދީފައެވެ.

ޑިސެމްބަރުމަހުގެ ދިހަވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށްގެންދެއެވެ.