ޚަބަރު

އުރީދޫ ކަލަރ ރަންގެ ޗެރިޓީ ޕާޓްނަރަކަށް ތެލަސީމިއާ ސޮސައިޓީ ހަމަޖައްސައިފި


އުރީދޫ ކަލަރ ރަން 2018ގެ ޗެރިޓީ ޕާޓްނަރަކަށް މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ ހަމަޖައްސައިފިއެވެ.

އުރީދޫއިން ބުނީ މިމަހުގެ 23 ވަނަ ދުވަހު ބާއްވާ އުރީދޫ ކަލަރ ރަންގެ ޕާރޓްނަރަކަށް މޯލްޑިވްސް ތެރެލެސީމިއާ ސޮސައިޓީ ހަމަޖެއްސުމާއިއެކު މިރަންއިން ލިބޭ ފައިސާއިން ތެލަސީމިއާ ސޮސައިޓީއަށް ބައެއް ފައިސާ ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށެވެ.

އުރީދޫ ކަލަރ ރަން 2018ގެ ޗެރިޓީ ޕާޓްނަރ އިޢުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ތެލަސީމިއާ ސޮސައިޓީއަކީ ކުޑަ ޓީމަކާއެކު މަސައްކަތް ފެށި ބަޔަކަށް ވީނަމަވެސް އެއީ މުޖުތަމަޢަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ޖަމްޢިއްޔާއެއް ކަމަށެވެ. އަދި މިފަދަ މަސައްކަތެއްގައި އެބޭފުޅުންނާއި ހިއްސާވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ އުރީދޫއަށް ލިބޭ އުފަލެއް ކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.

"ގިނަ ބޭފުޅުންގެ ތަރުޙީބާއި އެކު އުރީދޫގެ މި ކުލަގަދަ ދުވުމުގެ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ދާއިރު، އަޅުގަނޑުމެންގެ ޗެރިޓީ ޕާޓްނަރުންގެ މަސައްކަތްތައް ހިއްސާކޮށް، އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ކަލަރ ރަންގެ ޕްލެޓްފޯމް ބޭނުންކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ހަމެއެހެންމެ، އަޅުގަނޑުމެންގެ ޗެރިޓީ ޕާޓްނަރއަށް ކަލަރރަން އިން ލިބޭ މާލީ ފައިދާއިން ބައެއް ހަދިޔާ ކުރެވިގެންދާނެ" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

ތެލަސީމިއާ ސޮސައިޓީއާއިއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން 12 ނޮވެމްބަރ ވާ ހޯމަ ދުވަހު ތެލަސީމިއާ ސެންޓަރގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މި ކޭމްޕުގައި ތެލަސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ލޭ ހޯދުމުގެ އިތުރުން އާދަކޮށް ލޭ ހަދިޔާ ކުރައްވާ ބޭފުޅުންގެ ޑޭޓާބޭސްއަށް އިތުރު ބައިވެރިން ހޯދައި ތެލަސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކުރިއަށްދާނެކަމަށް އުރީދޫއިން ބުނެއެވެ.

ތެލަސީމިއާ ސޮސައިޓީގެ ޗެއާޕާސަން، މަރިޔަމް ސުހާ ވިދާޅުވީ ތެލަސީމިއާ ސޮސައިޓީއިން ކުރިއަށްގެންދާ ގިނަ މަސައްކަތްތައް ކުރިއަށްގެންދަނީ ގިނަ ފަރާތްތަކުގެ އެއްބާރުލުމާ އެކުގައިކަމަށެވެ. އަދި އުރީދޫ ކަލަރ ރަންގެ ޕާރޓްނަރ އަކަށް ތެލަސީމިއާ ސޮސައިޓީ ހަމަޖެއްސެވުމަކީ އެސޮސައިޓީން ވަރަށް އުފާކުރާކަމެއް ކަމެއްކަމަށްވެސް މަރިޔަމް ސުހާ ވިދާޅުވިއެވެ.

"މި ޚިދުމަތުގައި އަޅުގަނޑުމެންނަށް ދެމި ތިބެވެނީ، ވަރަށް ގިނަ ޕާރޓްނަރުންނާއި ސްޕޮންސަރުންގެ ދީލަތި އެހީއާއެކު. އުރީދޫ ކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަރގެ ގޮތުގައި އެމްޓީއެސް ހަމަޖެއްސެވީތީ އުރީދޫ އަށް ޝުކުރު ދަންނަވަން. މިއީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް. މި ޕާރޓްނަޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ." މަރިޔަމް ސުހާ ވިދާޅުވިއެވެ.

އުރީދޫ ކަލަރ ރަންއަކީ 2017 ވަނަ އަހަރުން ފެށިގެން ސިއްޙަތަށް ފައިދާހުރި އަދި މަޖާކޮށްލެވޭ ހަރަކާތެއްގެ ގޮތުގައި ދުވުން ޕްރޮމޯޓުކުރުމަށް އުރީދޫއިން ބާއްވަމުން އަންނަ ހަރަކާތެކެވެ. މި އަހަރުގެ އުރީދޫ ކަލަރ ރަން ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގައެވެ.