ޚަބަރު

އައިއޫއެމްއިން ވަގަށްނެގި ލެޕްޓޮޕްތައް ހޯދައި 8 މީހަކު ހައްޔަރުކޮށްފި


ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ވަގަށް ނެގި ލެޕްޓޮޕްތަށް ހޯދައި 8 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ލެޕްޓޮފްތަކެއް ވަގަށްނެގި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، ވަގަށް ނަގާފައިވާ ލެޕްޓޮޕްތަކާއި ބައެއް ކަރަންޓް ސާމާނު ހޯދާފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދިވެހި 3 ފިރިހެނުންނާއި 5 ބިދޭސީން ހައްޔަރުކޮށްފައިވާކަމަށެވެ. އެގޮތުން މި މައްސަލާގައި ހައްޔަރުކޮއްފައިވާ 3 ދިވެހި ފިރިހެނުންނަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވާކަން ފުލުހުން ވަނީ ހާމަކޮއްފައެވެ.

ފުލުހުން ބުނީ ހައްޔަރުކުރި 3 ދިވެހި ފިރިހެނުންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފައިވާކަމަށެވެ. އަދި މައްސަލައިގައި ހައްޔަރު ކުރި 5 ބިދޭސީންނަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނާ ޚިލާފަށް އުޅެމުންދާ ބަޔަކަށްވާތީ މި 5 ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމަށް ނިންމާފައިވާކަމަށެވެ.

އައިޔޫއެމްގެ ސެމިސްޓަރ ޓެސްޓާ ދިމާކޮށް އެޔުނިވާސިޓީގެ ލެޕްޓޮޕްތަކެއް ވަގަށްނެގި ނަމަވެސް އެ މައްސަލައާ ގުޅިގެން އިމްތިހާނުގެ ޞައްޙަކަމަށް އަސަރު ނުކުރާނެ ކަމަށް އައިޔޫއެމުން ވަނީ ބުނެފައެވެ.