ޚަބަރު

އެމްއެންޑީއެފްގެ "ވިކްޓްރީ ރަން" ބާއްވައިފި


ދިވެހި ރާއްޖޭގެ ފަޚުރުވެރި 30ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ވިކްޓްރީ ރަން" މާލެ ސިޓީގެ ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު 06:00 ގައި ކަޅުތުއްކަލާކޮށިން ފެށި މި ދުވުން ކުރިއަށްގެންގޮސްފައިވަނީ ކަޅުތުއްކަލާކޮށި ދެކުނު ގޭޓުން ނިކުމެގެން އިރަށްގޮސް އިއްޒުއްދީން މަގުން އުތުރަށްގޮސް، އަމީނީމަގުން ހުޅަނގަށްގޮސް، ކަނބާ އައިސާރަނި ހިނގުމުން އުތުރަށްގޮސް، ބޮޑުތަކުރުފާނުމަގުން އިރަށްގޮސް މާލެ ވަށައި ދުވުމަށްފަހު ކަޅުތުއްކަލާކޮށްޓަށް ނިންމާގޮތަށެވެ.

"ވިކްޓްރީ ރަން" އަކީ އަސްކަރިއްޔާ ތަކުގައި ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި، ޤައުމީ ރޫޚާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ހަރަކާތެކެވެ. ވަކިން ޚާއްޞަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާއެވެ.

ސިފައިންގެ ހުރިހާ ރޭންކެއްގެ ސިފައިން ބައިވެރިވި މި ހަރަކާތުގައި ޤައުމީ ޝިޢާރު އަދި ސިފައިންގެ އަޒުމް އަޑު ހަރުކޮށް ކިޔަމުންގެންގޮސްފައިވެއެވެ.