ޚަބަރު

ހަކުރު ބަލި ހުންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުން- ޑައިބިޓީސް ސޮސައިޓީ


ރާއްޖޭގައި ހަކުރުބަލި ހުންނަ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށް ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ސީ.އީ.އޯ އައިޝަތު ޝިރުހާނާ ވިދާޅުވެއްޖެއެވެ.

ނޮވެމްބަރުމަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް މަލޭގައި ބޭއްވި ޚާއްސަ ޢާއިލީ ހަވީރުގެ ތެރެއިން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެސޮސައިޓީގެ ސީއީއޯ އައިޝަތު ޝިރުހާނާ ވިދާޅުވީ ހަކުރުބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު އެކަން އެންމެ ބޮޑަށް ފާހަގަވަނީ އެސޮސައިޓީގައި ރަޖިސްޓަރ ވަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާތީކަމަށެވެ.

ޝިރުހާނާ ވިދާޅުވީ ހަކުރު ބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް އިތުރުވަމުންދާއިރު އެކަމަށް ފިޔަވަޅުތަކެއް އަޅާ މިބައްޔާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޝިރުހާނާ ވިދާޅުވީ ދިވެހިންގެ ތެރޭގައި ހަކުރުބަލި އިތުރުވާ މައިގަނޑު އެއް ސަބަބކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއުންބުއިމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކުގެ ސަބަބުން ކަމަށެވެ. އަދި ކުރިއާ ޚިލާފަށް ބަލި ޢާއްމު ވަމުންދާ ނިސްބަތުގެ އިތުރުން، ބަލި ޢާއްމުކޮށް ފެންނަ ޢުމުރަށްވެސް ބަދަލުތަކެއް އަންނަމުންދާކަމަށް ޝިރުހާނާ ވިދާޅުވިއެވެ.

"އަދި ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ޅަ އުމުރުގެ މީހުން މިހާރު، ކުރިންނަމަ އަޅުގަނޑުމެން ކިޔަނީ ތިރީސް ސާޅީސް އަހަރުން މަތީގެ މީހުނަށް ޓައިޕް 2 ގެ ހަކުރުބަލި މިޖެހެނީ. އެހެންނަމަވެސް މިހާރު ތޭރަ ސާދަ އަދި އަށާރަ އަހަރުގެ ކުދިންވެސް އެބަފެނޭ ހަކުރުބަލި ޖެހިގެން އުޅޭތީ." ޝިރުހާނާ ވިދާޅުވިއެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ޙަރަކާތްތަކުގައި މާލޭގެ ކުޅިވަރު އެކެޑަމީތަކުން ބައިވެރިވެފައިވާއިރު މިއީ ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޙަރަކާތެއްކަމަށް ޑައިބިޓީސް ސޮސައިޓީން ބުނެއެވެ.

މިއަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިޢާރުކަމަށްވާ "ހަކުރުބައްޔާއި ޢާއިލާ" މިޝިޢާރާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޢާއިލީ ހަވީރުގައި ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމުގެ މުހިއްމުކަމާއި ހެލިފެލިވެ އުޅުމުގެ މުހިއްމުކަމާއި ބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި ދުވަހާ ގުޅުވައިގެން ހަކުރު ބަޔަށް ޓެސްޓް ކުރުމުގެ ފުރުސަތުވެސް މިހަވީރުގެ ތެރެއިން ފަހިކޮށްދިނެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހަކީ ނޮވެމްބަރު މަހުގެ ސާދަވަނަދުވަހަށްވާއިރު ޑައިބިޓީސް ސޮސައިޓީން ބުނީ މިދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެދުވަހު ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރަމުންދާކަމަށެވެ.