ޚަބަރު

ބިދޭސީންގެ މަޤާމުތަކަށް ދިވެހި ޓީޗަރުން ހޯދަނީ


ރާއްޖޭގެ ސުކޫލް މަދަރުސާތަކުގައި މަސައްކަތް ކުރާ ބިދޭސީ 1611 ޓީޗަރުންގެ މަޤާމުތަކަށް ދިވެހި ޓީޗަރުން ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ނަމްބަރ 15/2017 ސަރކިއުލާގެ ދަށުން، ރާއްޖޭގެ ސުކޫލް ތަކުގައި މަސައްކަތްކުރާ ބިދޭސީން ޓީޗަރުންގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވައިލާފައިވާ ކަމަށެވެ.

ބިދޭސީ ޓީޗަރުންގެ މަޤާމުތަކަށް ދިވެހިން ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ފުރުޞަތު ހުޅުވާލާފައިވާއިރު، އެ މިނިސްޓްރީން ވަނީ ޓީޗަރުންނަށް ކަނޑަ އަޅާފައިވާ އިނާޔަތްތައްވެސް ހާމަކޮށްފައެވެ. އެގޮތުން ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތް ފަރާތްތަކަށް މުސާރައިގެ އިންސައްތައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 30 އިންސައްތައެވެ.

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް އޮންނަ ފަރާތްތަކަށް މުސާރައިގެ އިންސައްތައިގެ ގޮތުގައި 25 އިންސައްތަ ކަނޑައަޅާފައިވާއިރު ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް އޮތްނަމަ މުސާރައިގެ އިންސައްތައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 20 އިންސައްތައެވެ.

މީގެއިތުރުން ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް އޮތްނަމަ ކަނޑައަޅާފައިވަނީ މުސާރައިގެ އިންސައްތައިގެ 15 އިންސައްތަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ބިދޭސީ ޓީޗަރުން ކިޔަވައިދެމުންދާ ހުރިހާ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާއިރު އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 7070 އާއި 10640 ދެމެދުގެ މުސާރައެކެވެ. އަދި ސާރވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތާއި ރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބިދޭސީ ޓީޗަރުންގެ މަޤާމުތަކަށް ކުރިމަތިލައްވާ ދިވެހި ޓީޗަރުން ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުމެއް ފޮނުވަން ޖެހެނީ އެފަރާތަކުން ކުރިމަތި ލައްވާ މަޤާމެއް އޮތް ސްކޫލަކަށް ކަމަށެވެ. އަދި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ފުރިހަމަ ނުވާނަމަ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.