ޚަބަރު

އައްޑޫސީޓީގެ އިންތިޚާބީ ދާއިރާތަކަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި


2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އައްޑޫސިޓީގެ އިންތިޚާބީ ދާއިރާތަކަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ޓީމެއް ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

އަންނަ އަހަރުގެ މާރޗް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އައްޑޫސިޓީގެ ދާއިރާތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި، ކޮމިޝަނުގެ މެމްބަރު އަޙްމަދު އަކްރަމާއި އިތުރު ދެ ބޭފުޅުން ބައިވެރިވިއެވެ.

ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ މިބައްދަލުވުމުގައި ހުޅުދޫ އަދި މީދޫ ވަކި ދެ ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށާއި، މަރަދޫފޭދޫ އަދި ފޭދޫގެ ވަކި ބައެއް އެކުލެވޭހެން އިތުރު އެއް ދާއިރާ އުފެއްދުމަށް މަޝްވަރާކުރި ކަމަށެވެ. މިހާރު އޮންނަގޮތުން މީދޫ އަދި މަރަދޫފޭދޫ އެއްކޮށް އެއީ ވަކި ދާއިރާއެކެވެ. މީގެ އިތުރުން ހިތަދުއަށް އިތުރު ދާއިރާއެއް އުފެއްދުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މަރަދޫފޭދޫގެ މީގެ ކުރީގެ ތަޖުރިބާއަށް ބަލާއިރު މީދުއާއި އެއްކޮށްލައި ދާއިރާ ކަނޑައެޅުމުގެ ކުރިން ގުޅުވާލާފައިވަނީ މަރަދުއާއިއެެވެ. މަރަދޫގެ އާބާދީ ބޮޑުވުމުގެ ސަބަބުން މަރަދޫފޭދޫން ނިކުންނަ ކެންޑިޑޭޓު ހޮވުމުގެ ފުރުޞަތު ހަނިވެގެންދާ ކަމަށާއި މީދުއާއި އެއްކޮލުމުންވެސް މިގޮތަށް ނަތީޖާ ބަދަލުވެގެންދާނޭކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން މަރަދޫފޭދޫގެ އާބާދީ މަދުވުމުގެ އަސަރު އެދާއިރާގެ ރައްޔިތުންނަށް ކުރާކަމަށްވެސް ކައުންސިލުން ބުނެއެވެ.

ހިތަދޫގެ މިހާރު އާބާދީ އިތުރުވަމުންދާ ގޮތަށް ބަލާއިރު ހިތަދުއަށް އެއް ގޮނޑި އިތުރުވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކައުންސިލާ ބައްދަލު ކުރުމުން ހިތަދޫގެ މިހާރުގެ ތިން ދާއިރާއިންވެސް ވަނީ އިތުރު ގޮޑިއެއް ބޭނުންކަމަށް ބުނެފައެވެ.

ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ގޮތަށް ބަލައި ކޮންމެ ފަސް އަހަރަކުން މަޖްލިސް އަދި ކައުންސިލްތަކަށް ގޮނޑި އިތުރު ކުރުން ހުއްޓާލުމަށް އިލެކްޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މާލެއާއި ހުޅުމާލެ ދާއިރާއަށް ދެ ގޮނޑި އިތުރުވިޔަސް ރާއްޖޭގެ އެހެން ދާއިރާތަކަށް ގޮނޑި އިތުރު ކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ.

ނަމަވެސް އައްޑޫގެ ދާއިރާތައް ކަނޑައެޅުމާއި ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާ އެކު ކުރި މަޝްވަރާއަށް ފަހު ގޮނޑީގެ ލިމިޓް ކަނޑައަޅާއިރު އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން އިލެކްޝަނުން ބަލާނެކަމަށާއި އަދި ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނު މަޝްވަރާގެ އަލީގައި ގޮތެއް ނިންމާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކައުންސިލާއި އިލެކްޝަން ކޮމިޝަނާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި ނިންމުނު ކަންކަމާއި ގުޅޭގޮތުން ރައްޔިތުންނާއެކު ޚިޔާލު ހޯދުމުގެ ބައްދަލުވުންތަކެއް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ މަޖިލީސް އިންތިޚާބުގެ އިދާރީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ މެއި މަަހު 31 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ އާބާދީއަށް ރިޢާޔަތް ކުރުމަށް ފަހު އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގަ ޖުމުލަ 87 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރަން ޖެހޭ ކަމަށެވެ.