ރިޕޯޓް

"ނަޞްރުގެ ދުވަސް - އަޅުވެތިކަމަށް ދިވެހިން ފާޅުގައި ނޫނެކޭ ބުނި ދުވަސް"


މިއަދަކީ މީގެ ތިރީސް އަހަރުކުރިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން، ދިވެހި ޚާއިނުންގެ މަދުބަޔަކާއި، ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކު ދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ސިފައިން ދިވެހި ޤައުމަށް ނަސްރުހޯދައިދިން ދިވެހިންގެ ނަސްރުގެދުވަހެވެ. އިސްލާމްދީނާއި، ދިވެހި ޤައުމުގެ ދުޝްމަނުންގެ ނުބައި ހީލަތްތެރި ރޭވުން ނާކާމިޔާބުވެ، އަޅުވެތިކަމަށް ނޫނެކޭ ދިވެހިން ބުނެ، ޙައްޤަށް ނަޞްރު ލިބުނުދުވަހެވެ.

3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ބިރުވެރި ޙާދިޘާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭކަލަކު ޝަހީދުވިއެވެ. މި ދުވަހަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ދިވެހިން ކުރިމަތިލީ ދުވަހެވެ. ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތަކާއި ގުޅިގެން ހިންގި މި ނުރައްކާތެރި ބަޣާވާތުގައި 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްލައިގެން ތިބީ ޤައުމުގެ ޢަދާވަތްތެރި ދުޝްމަނުންނެވެ. ބަޣާވާތުގައި ބައިވެރިވި ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޯޓް" ގެ 80 މީހުން ހިމެނުނެވެ. ޚާއިނުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމަޗަށް ގެންދިއުމަށްޓަކައެވެ.

މި ޢުދުވާނީ ޙަމަލާ ރާވައި ހިންގުމުގައި އިސްކޮށް ތިބީ ދިވެހި ޤައުމަށް ޣައްދާރުވި ދިވެހިންގެ މަދުބަޔަކާއި ސްރީލަންކާގައި އޭރު އޮތް ތަމަޅަ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓު) ޖަމާޢަތެވެ.

އެދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ދިވެހި ރާއްޖޭގެ ވެރިރަށް މާލެ، ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި އޮތެވެ. ޒަމާނީ ހަތިޔާރާއެކު ހަމަލާދެމުންދިޔަ ދުޝްމަނުންގެ މައި އަމާޒަކީ ދިވެހި ސިފައިންގެ މައި މަރުކަޒު. މިޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން ދިފާޢުކުރުމަށް ނުކުތް ސިފައިންގެ ލަޝްކަރުގެ 8 ބޭފުޅަކު ޝަހީދުވިއެވެ. އެދުވަހު ދުޝްމަނުންނަށް ސިފައިންގެ މައިމަރުކަޒު ނުހިފުނީ ހިތްވަރުގަދަ ބަޠަލު ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕަރަލް ޙުސައިން އާދަމް ސިފައިންގެ ދޮރާށި ބެލެހެއްޓެވުމުގައި ޝަހީދުވަންދެން ހަނގުރާމަކުރެއްވުމުންނެވެ. އެދުވަހު ދިވެހި ޤައުމަށް ލިބުނު ނަޞްރުގެ ހަޤީޤީ ސަބަބަކީ އެންމެ 20 އަހަރުގެ މި ޒުވާން ބަޠަލު ދައްކުވައިދިން މިހިތްވަރުގަދަ ޢަމަލެވެ. އެ ބިރުވެރި ދުވަހު ޢާންމު މަދަނީންގެ ތެރެއިން ދުޝްމަނުން ޝަހީދުކޮށްލި 11 ދިވެހިންނާއެކު ޖުމްލަ 19 ދިވެހިންގެ ޠާހިރުލެއިން މި ފަޚުރުވެރި ދިވެހި ބިން ފެވިގެންދިޔައެވެ. އަދި މިޙަމަލާގައި 39 ދިވެހިންވަނީ ޒަޚަމްކޮށްލާފައެވެ.

ނޮވެމްބަރު 3 ގެ ބާޣީންނާއި ދުޝްމަނުންގެ މަޤްޞަދަކަށްވީ މުޅި ދިވެހި ޤައުމު އެމީހުންގެ އަތްމަށްޗަށް ގެންދިއުމެވެ. މި ޢުދުވާނީ ހަމަލާގެ މޭސްތިރިޔަކީ ހ. ހާޖަރާގޭ ބާޣީ ޢަބްދުﷲ ލުޠުފީއެވެ. ޢަބްދުﷲ ލުޠުފީއާއެކު ދިވެހިންގެ 6 މީހަކު އެކިގޮތްގޮތުން މިކަމުގައި އެހީތެރިވެފައިވެއެވެ. ލުޠުފީގެ އިތުރުން މިޙަމަލާގައި ހިމެނޭ މީހުންނަކީ ސަގަރު އަޙްމަދު ނާޞިރާއި، ޢަބްދުﷲ ޝާހިދާއި ކަރޯ ޢައްބާސް އިބްރާހީމާއި، މުޙައްމަދު ނަޢީމް ( ޕައިލޮޓް ނަޢީމް )އާއި ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި ޢުމަރު ޖަމާލެވެ.

މި ޢުދުވާނާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި ސިފައިންގެ އިސްވެރިން، ދިވެހިރާއްޖެ މިއުދުވާނުން ދިފާޢުކުރެއްވުމަށްޓަކައި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަން ހޯއްދަވަން މުހިންމު ބުރަ މަސައްކަތްޕުޅެއް ކުރެއްވިއެވެ. ދިވެހި ސަރުކާރުން އެހީއަށް އެދުނު ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދެވުނީ އަވައްޓެރި އިންޑިއާއަށެވެ.

އެހެންނަމަވެސް އިންޑިއާ ސިފައިން އައިއިރު ދިވެހި ސިފައިންވަނީ ހަނގުރާމައިން ނަޞްރުހޯދާފައި. ބާޣީންނާއި ޓެރަރިސްޓުންވަނީ އޭރު ފިލައިގެން ދިއުމުގެ މަސައްކަތް ފަށާފައެވެ. ބަޣީންގެ ތެރެއިން މަރުނުވެ ތިބިމީހުން ސަރުކާރުގެ މަތީ މަޤާމުތަކުގައި އޭރު ތިއްބެވި ބައެއް ބޭބޭފުޅުން ހިމެނޭގޮތުން ދިވެހިންގެ ބަޔަކު ރަހީނުންގެ ގޮތުގައި ގޮވައިގެން ފިލަންދަނިކޮށް އެމީހުންނާ ކުރިމަތިލައި ރަޙީނުން ސަލާމަތްކޮށް ބާޣީން ހައްޔަރުކޮށްފައިވަނީ އިންޑިއާ ސިފައިންގެ ދެމަނަވަރުގެ އެހީގައެވެ.

މިއީ އޭރު ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކާ ދިވެހިންގެ މަދުބަޔަކު ހިންގި ޢުދުވާނީ ހަމަލާއެކެވެ. ރާއްޖޭގެ ވެރިކަން އަތުލައިގަތުމަށް ދުޝްމަނުން ދިން މިޢުދުވާނީ ޙަމަލާ ނާކާމިޔާބުވި ދުވަސް ރާއްޖޭގެ ނަސްރުގެދުވަހުގެ ގޮތުގައި ފާހަގަކުރަންފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.