ޚަބަރު

ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމަކީ ވަރަށް މުހިންމުކަމެއް - ނަޝީދު


ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ވާނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮވެގެން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގައި ތިން އަހަރު ދިރިއުޅުއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމަކީ އެމަނިކުފާނު ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަމަށާއި ދިވެހިންނަށް އެންމެ ފައިދާ ކުރާނީ އެ ނިޒާމުގެ ތެރެއިން ކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެންނަންޖެހޭކަމަށާ އެހެންކަމުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ މަޝްވަރާ ކުރެއްވުމަށްފަހު އެކަން ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މީހެއް. އަޅުގަނޑު ދެކޭ ގޮތުގައި ވެރިކަން ހިންގުމަށް ހަމަޖެހޭ ނިޒަމަކީ ބަރުލަމާނީ ނިޒާމެއް. އެއީ އަޅުގަނޑުގެ ހިޔާލާއި ފިކުރު،"

ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއްގައި ބޮޑު ވަޒީރަކު ހުންނަންޖެހޭއިރު، އެފަދަ ވިސްނުންފުޅެއް ގެންގުޅުއްވަންތޯ ނޫސްވެރިއަކު ސުވާލު ދެންނެވިނަމަވެސް ރައީސް ނަޝީދު އެކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ.

ބަރުލަމާނީ ނިޒާމަކަށް ރައީސް ނަޝީދު ތާޢީދު ކުރައްވާކަން ހާމަކުރެއްވިއިރު، މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނު އަސާސީ އެކުލަވާލި ދުވަސްވަރުގެ ތެރޭގައި ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ނިޒާމެއްތޯ ބެލުމަށް ނެގި ޢާއްމުރައްޔިތުންގެ ވޯޓުގައި ރައްޔިތުން ނިންމާފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.