ކޮންމެ ކަމެއްގައިވެސް ނަޞްރާއި ކާމިޔާބު ހޯދެން އޮތް އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާ ކަމަށާއި ނަޞްރުލިބޭނީ މާތްﷲގެ ދީނަށް ނަޞްރުދިނުމަށްފަހު ދުޢާ ކޮށްގެން ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ޚުޠުބާ ޚާއްސަކޮށްފައިވަނީ މާދަމާ ދިވެހިން ފާހަގަކުރާ ނަސްރުގެ ދުވަހަށެވެ.
މުސްލިމުންނަށް ނަޞްރު ލިބޭނީ ﷲގެ ދީނަށް ނަޞްރު ދީގެން މި މައުޟޫޢުގެ މައްޗަށް އަލިއަޅުވާލައްވައި ރާއްޖޭގެ މިސްކިތްތަކުގައި ދެއްވި ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ ނަޞްރާއި ކާމިޔާބަކީ މާތްﷲ ދެއްކެވި ސާފުސީދާ ތެދުމަގުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަންމަތީ ދެމިތިބޭ މުޢުމިންތަކުންނަށް އެކަލާންގެ ދެއްވާ ނިޢުމަތެއް ކަމަށެވެ.
މުސްލިމުންނަށް ނަޞްރު ލިބޭނީ ކަންތައްތަކެއްގެ ތެރެއިން ކަމަށާއި، އެގޮތުން ޤަބޫލްކުރާ ހަރުދަނާ އުޞޫލެއްގެ މަތީގައި ސާބިތުވެ ތިބުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ. އަދި އެގޮތުގައި ދެމި ތިބުމަކީ އީމާންކަމާއި އިސްލާމް ކަމުގެ ޢަޤީދާ ކަމަށާއި އެ އުޞޫލުތަކުގައި ފަރުވާ ކުޑަ ނުކުރުމަށް މާތްﷲ މުސްލިމުންނަށް އަމުރު ކުރައްވާފައިވާކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ މާތްﷲ ނަޞްރު ދެއްވާނީ އެކަމަށްޓަކައި މާއްދީ ބާރުންވެސް ތައްޔާރުވެގެން ކަމަށެވެ. އެގޮތުން ޙައްޤަށް ނަޞްރު ދިނުމުގައި މުއުމިންތަކުންގެ ދައުރެއްވާކަން މާތްﷲ އަންގަވާފައިވާ ކަމަށާއި ނަޞްރު ލިބުމުގެ ބަހާތަކުގެ ތެރޭގައި ބާރު ހިމެނޭތީ ނަޞްރު ހޯދުމަށްޓަކާ މުސްލިމުން ބާރުގެ ވަސީލަތްތައް ޙާޞިލްކުރަން ޖެހޭ ކަމަށްވެސް ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
މާތްﷲގެ މަގުގައި ނަޞްރު ހޯދުމަށް އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ވަރުގަދަ ޙަތިޔާރަކީ ދުޢާކުރުން ކަމަށާއި އިޚްލާޞްތެރިކަމާއެކު، އެކަލާންގެއާ ކުށްތަންވެވުނު ވަރަކަށް ދުޢާ އިޖާބަކުރެއްވުން އަވަސްވެގެންވާކަން ޚުޠުބާގައިވަނީ ބަޔާންކުރައްވާފައެވެ. އަދި މުސްލިމުންގެ ގިނަ ބަޔަކު މިވަރުގަދަ ހަތިޔާރުގެ މަތިން މިއަދު ހަނދާންނެތިފައިވީ ނަމަވެސް، މުސްލިމުން ދުޝްމަނުންގެ މައްޗަށް ކުރިން ނަޞްރު ހޯދާފައިވަނީ ދުޢާގެ ސަބަބުން ކަން ޚުޠުބާގައިވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޙަޔާތުގައި ދިވެހިން ދުށް އެންމެ ނުރައްކާތެރި އެންމެ ބިރުވެރި އެއްދުވަހަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުގެ މަހުގެ 3 ވަނަ ދުވަހު ބޭރުގެ ޓެރަރިސްޓުންގެ ބަޔަކާ ގުޅިގެން ދިވެހިންގެ ޚާއިނުންގެ ބަޔަކު ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ބިރުވެރި ޙަމަލާޔާ ދިވެހިން ބައްދަލުކުރި ހިނދު ދިވެހި ރައްޔިތުން ކުރި އެންމެ މުހިންމު ކަމަކީ އެދުވަހު ކުރިމަތިވި ނުރައްކާތެރި މުޞީބާތުން ސަލާމަތްކޮށްދެއްވުންއެދި މާތްﷲގެ ހަޟްރަތަށް ކުށްތަންވެ މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދުޢާކުރުންކަން ޙުޠުބާގައިވަނީ ފާހަގަކުރައްވާފައެވެ.