ޚަބަރު

ވާދަވެރި ސިޔާސީ ޕާޓީއަކަށް ހަމައެކަނި އޮތީ އެމްޑީއޭ - ނަޝީދު


ޕީޕީއެމްއަކީ ރައީސް ޔާމީންގެ ޕާޓީއެއް ނޫން ކަމަށާއި ޕީޕީއެމް އޮތީ އިދިކޮޅު ކޯލިޝަންގައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގައި ތިން އަހަރު ދުވަހު ދިރިއުޅުއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އުނިމާ ގްރޭންޑުގައި މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީއޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މިވަގުތު ތިއްބެވި ޕީޕީއެމް މެންބަރުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމާއި ކުރިމަތިލައްވާނީ ޙިކުމަތްތެރިކަމާއި އެކުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލިސް ތެރޭގައި ވާދަވެރިކަން އޮންނާނެ ކަމަށް ދެކި ނުލައްވާ ކަމަށެވެ.

"ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ތެރޭގައި މިހާރު ތިއްބެވި ބައެއް މެންބަރުންނަށް އަދި އެފަދަ މެންބަރުންނަށް ދެން ރައްޔިތުން ޖާގަ ދޭނެހެން ހިއެއްނުވޭ. އަޅުގަނޑު ދިވެހި ރައްޔިތުން ދަންނަން. ޕީޕީއެމްގެ މެންބަރުން އިންތިޚާބު ކުރެއްވި ރައްޔިތުންވެސް ދަންނަން. އެހެން ނޫނަސް ޕީޕީއެމްއަކީ ރައީސް ޔާމީންގެ ޕާޓީއެއް ނޫން. ޕީޕީއެމް އޮތީ އަޅުގަނޑުމެންނާއި އެކީގައި. އިދިކޮޅު ކޯލިޝަނާ އެކީގައި. މިރާއްޖޭގައި އޮތް ހަމައެކަނި އިދިކޮޅު ޕާޓީއަކީ އެމްޑީއޭ."

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގައި ސިޔާސީ ހަމަޖެހުން ޤާއިމް ކުރުން ކަމަށެވެ. ވަކިން ޚާއްސަކޮށް އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ސާފު ގޮތުގައި ވެރިކަން ކުރުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

"އަބަދުވެސް އަޅުގަނޑަކީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ މީހެއް. ސާފު ގޮތުގައި ވެރިކަން ކުރުމަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށް އަޅުގަނޑު އަބަދުވެސް ޤަބޫލުކުރަން. އަޅުގަނޑު ޖާގައެއް ނުދޭނަން ދެބައޮޑުވާކަން. އެއްވެސް ކަމެއް އިބޫއާ ވާހަކަ ދައްކައިގެން ނޫނީ ނުކުރާނަން. ރަހުމަތްތެރިކަން ގެއްލޭ ކަމަކަށް ޖާގައެއް ނުދޭނަން. ކުރާކަމެއް ކުރާނީ ފާޅުގައި، އިބޫއާ މަޝްވަރާކޮށްގެން،"

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދެބަސްވާ ކޮންމެ ފަހަރަކު އެ މީހަކު ގެންގޮސް ޖަލަށް ލުމަކީ ހައްލެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ނަޝީދު ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް އަދި ކުރީގެ ރައީސް މައުމޫނާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން ވެސް ބާކީވާނެ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.