ޚަބަރު

ގދ އަތޮޅު "ޖޮބް އެންޑް ކެރިއަރ ފެއަރ" އަންނަ ހޮނިހިރު ދުވަހު


ގދ އަތޮޅުގެ ޒުވާނުންނަށް ވަޒީފާއާއި މަތީ ތަޢުލީމުގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި ބާއްވާ "ޖޮބް އެންޑް ކެރިއަރ ފެއަރ" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް، އިބްރާހިމް އައްސަދު ވިދާޅުވީ މިފެއަރ ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ވަޒީފާ ނެތިފައި ތިބި ގދ. އަތޮޅުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަކާއި މަތީ ތަޢުލީމުގެ ދާއިރާއިން ހުރި ފުރުޞަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

ފެއަރ އިންތިޒާމުކުރާ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް، ޝިފާޒް މުޙައްމަދު ވިދާޅުވީ އެ ފެއަރ ގައި 15 ފަރާތަކުން ބައިވެރިވާނެކަމަށެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ތިނަދޫގައި މިވަގުތު ހިންގަމުން އަންނަ ކޮލެޖުތަކާއި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަހަލަ ފެއަރތަކުގެ ސަބަބުން އެކުންފުނިތަކުގައި ހުރި ވަޒީފާތަކާ ބެހޭގޮތުން ޢާންމު މުޖަތަމަޢަށް އޭގެ މައުލޫމާތު ލިބިގެންދާނެ. ދަރިވަރުންނާއި ޒުވާނުންނަށް ލިބިގެންދާނެ. އޭރުން އަޞްލު ތިމާއަށް އެންމެ އެކަށީގެންވާ ރަނގަޅު ވަޒީފާއަކީ ކޮބައިކަން އެނގިގެންދާނެ،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުން ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތައް އިތުރުކުރުމަށްޓަކައި ފެއަރ ބާއްވަނީ އަތޮޅުތެރޭގެ ރަށްރަށުން އެންމެ ގިނަ ފެރީތައް ތިނަދުއަށް އަންނަ ދުވަހާ ދިމާކޮށްކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހަކީ ކޮންމެ ހަފުތާއަކުވެސް އެންމެ ގިނަ ފެރީ އަންނަ ދުވަސް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖޮބް އެންޑް ކެރިއަރ ފެއަރ 2018" ނަމުގައި ބާއްވާ މިފެއަރއަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެދުމުގެ މަތިން އަތޮޅު ކައުންސިލުގެ ޚަރަދުގައި ބާއްވާ ފެއަރއެކެވެ. ފެއަރ އިންތިޒާމުކޮށް، ހިންގާ، ބަލަހައްޓާނީ ތަޢުލީމީ މަރުކަޒުންނެވެ. އަދި މި ފެއަރ އަކީ ނެޝަނަލް ކެރިއަރ ގައިޑެންސް އިން އެންޑޯޒްކޮށްފައިވާ ފެއަރ އެކެވެ.