ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިއަދު މެންދުރުފަހު 14:00 ހާއިރު މަސީޙް މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާދެއްވާފައިވާކަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަޙްމަދު ނިޙާން ޙުސައިންމަނިކުވަނީ ޕީއެސްއެމް ނިއުސްއަށް ޔަޤީންކޮށްދެއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ފުރުއްވަމުންގެންދަވާ ޢަބްދުﷲ މަސިޙް މުޙައްމަދު މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ، އެމަނިކުފާނު މަގާމުން ވަކިކުރުމުގެ މައްސަލަ މިރޭ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ.
ސާޅީސް ފަސް މެންބަރުންގެ ސޮއިއާއެކު ރައްޔިތުންގެ މަޖިލީހަށް މިދިޔައަހަރު ހުށަހެޅި މަޞީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސައްޙަ ކަމަށް ނިންމައި އެ މައްސަލަ ކުރިއަށް ގެންދިއުމަށް ބުދަދުވަހު މަޖިލީހުގެ ޢާއްމު ކޮމެޓީން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރު ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ކަނޑައެޅީ މަޖިލީހުގެ ރިޔާސަތުން ޢާއްމު ކޮމެޓީއަށް ފޮނުވާފައިވާ ސިޓީއަކަށް ރިޢާޔަތްކޮށެވެ. އެސިޓީގައި ސުޕްރީމް ކޯޓުގެ ޤަޒިއްޔާތަކަށް ރިއާޔަތް ކޮށްފައިވެއެވެ.
މިދިޔަ އަހަރު ހުށަހެޅި މައްސަލާގައި ސޮއިކުރި މެންބަރުންގެ ތެރެއިން 12 މެންބަރެއް، އެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށްބުނެ ބަންޑާރަ ނާއިބުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ގޮސްފައެވެ. އަދި އެ މައްސަލާގައި ފްލޯރ ކްރޮސިންގއާ ގުޅޭ ޙުކުމެއް ސުޕްރީމް ކޯޓުން ވަނީ ނެރެފައެވެ. އަދި ސުޕްރީމް ކޯޓުގެ ފްލޯރ ކްރޮސިން ޙުކުމަށް ރިއާޔަތްކޮށް އިލެކްޝަންސް ކޮމިޝަނުން މި 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅިއެވެ. އަދި އެހާ ހިސާބުން 45 މެންބަރުން ސޮއިކުރި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާޠިލްވެގެންދިޔަ ކަމަށް މަޖިލީހުން ނިންމިއެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ވަނީ އެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ޙުކުމް ކޮށްފައެވެ. އެހެންކަމުން މިއަދުގެ ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި އެ 12 މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެހެންކަމުން މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ސައްޙަ ނިންމުމެއްގެ ގޮތުގައި މަޖިލީހުގެ އާއްމު ކޮމެޓީން ނިންމިއެވެ.
މިދިޔަ ހަފްތާގެ ތެރޭގައިވެސް ވަނީ 51 މެންބަރުން ސޮއިކޮށް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް މިދިޔަ އަހަރު ހުށަހެޅި މައްސަލަ ސައްޙަ ކަމަށް އާއްމު ކޮމެޓީން ނިންމުމުން ފަހުން ހުށަހެޅި މައްސަލަ ވަނީ ބާތިލްވެފައެވެ.
ރައްޔިތުން މަޖިލީހުގެ ޤަވާއިދުގެ 175ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން 42 މެންބަރުންނަށްވުރެ މަދުނޫން މެންބަރުންނަށް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފެނިއްޖެނަމަ އެމައްސަލަ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ. މިގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ، މަޖިލީހުގެ މެންބަރުންގެ ތެރެއިން 42 މެންބަރުންނަށްވުރެ މަދުނޫން ޢަދަދެއްގެ މެންބަރުން، ލިޔެ ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ފޮނުވުމުންނެވެ.