ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ރޭ ކްލަބް ބްރުގާ އާއި ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ރޭ މެޑްރިޑްގެ ރިޔާދު އެއަރ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ފަސްދޮޅަސް ހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މެޗު 4-1 އިން މޮޅުވެ އެތްލެޓިކޯ އަށް ކުރި ލިބިފައިވަނީ 7-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 23 ވަނަ މިނިޓުގައި އެތްލެޓިކޯ މެޑްރިޑްގެ އެލެކްޒެންޑަރ ސޯލޮތް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ 13 މިނިޓު ފަހުން ކްލަބް ބްރުގާ ގެ ޖޮއެލް އޯޑޮނޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އެތްލެޓިކޯ މެޑްރިޑް އިން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި އެތްލެޓިކޯ އަށް ކުޅެމުންދާ އެމެރިކާގެ ޖޮނީ ކާޑޯސޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ ފަހު 14 މިނިޓުގެ ތެރޭގައި އެލެކްޒެންޑަރ ސޯލޮތް ވަނީ އިތުރު ދެ ލަނޑު ޖަހާ މި މެޗުގައި ހެޓްރިކް ހެދުމަށްފަހު މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ނިކުންނާނީ އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލް ނުވަތަ ޓޮޓްނަމް ހޮޓްސްޕަރ އެވެ.