ޚަބަރު

އިންޓަރ މިލާން ބަލިކޮށް ބޯޑާ ގްލިމްޓް އަށް ތާރީހީ މޮޅެއް


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ކޮލިފައިންގައި އިޓަލީގެ އިންޓަރ މިލާނާއި ދެކޮޅަށް ނޯވޭގެ ބޯޑާ ގްލިމްޓް ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި މި ދެ ޓީމު ނޯވޭގައި ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ބޯޑާ ގްލިމްޓް ކާމިޔާބު ކުރުމަށްފަހު ރޭ މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ހަތްދިހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބޯޑާ ގްލިމްޓް ވަނީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން އިންޓަރ މިލާން ބަލިކޮށްފަ އެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު އިންޓަރ މިލާން އިން މެޗުގެ ފުރަތަމަ ހާފުގައި މެޗު ކޮންޓްރޯލް ކޮށްގެން ރަގަޅު ފުރުސަތުތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި އިންޓަރ މިލާނުގެ މެނުއެލް އަކަންޖީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ބޯޑާ ގްލިމްޓްގެ ޔެންސް ޕީޓަރ ހޯގް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި ޔެންސް ޕީޓަރ ހޯގް ޖެހި ލަނޑަކީ މި މުބާރާތުގައި އޭނާ ޖެހި އަށްވަނަ ލަނޑެވެ. އަދި މިއީ އެއް ސީޒަނެއްގައި ނޯވޭގެ ކްލަބެއްގެ ކުޅުންތެރިއަކު ޗެމްޕިއަންސް ލީގުގައި އަށް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

އަދި މެޗުގެ 72 ވަނަ މިނިޓުގައި ޔެންސް ޕީޓަރ ހޯގް ދިން ޕާހަކުން ހެކޮން އެވްޖެން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި އިންޓަރ މިލާނުން ޖެހި ލަނޑަކީ މެޗުގެ 76 ވަނަ މިނިޓުގައި އަލެސަންދްރޯ ބަސްޓޯނީ ކާމިޔާބުކޮށްދިން ލަނޑެވެ.

މި މުބާރާތުގައި ރޭ ޖަރުމަނުގެ ބެޔާ ލެވަކޫސަން އާއި އޮލިމްޕިއާކޯސް ބައްދަލުކުރި މެޗު އެއްވެސް ޓީމަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެފައިވާއިރު 2-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ލިބިފައިވަނީ ލެވަކޫސަން އަށެވެ.