ޚަބަރު

ޤަވާއިދާ ޚިލާފަށް ރުއްގަސް ކެނޑުމުގެ މައްސަލަތައް އީޕީއޭއިން ބަލަނީ


ޤަވާއިދާއި ޚިލާފަށް ރާއްޖޭގެ އެކި ރަށްރަށުން ރުއް ގަސް ކެނޑުމުގެ މައްސަލަ ފުލުހުންނާ ގުޅިގެން ބަލަމުންދާކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އީޕީއޭއިން ބުނީ ރާއްޖޭގެ ބައެއް ރަށްރަށުން ރުއްގަސް ކަނޑައި ރާއްޖެއަށާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާކަމުގެ ޝަކުވާ އާންމު ފަރާތްތަކުން އެ އެޖެންސީއަށް ހުށަހަޅަމުންދާކަމަށެވެ. އަދި މި މައްސަލަތައް ފުލުހުންނާ ގުޅިގެން މިހާރު ތަހުގީގު ކުރަމުންދާކަމަށް އީޕީއިން ބުނެއެވެ.

ރާއްޖޭގެ އެކި ރަށްރަށުން ރުއް ގަސް ކަނޑައިގެން އެކި ތަންތަނަށް ފޮނުވުމުގެ މައްސަލަ ރިޕޯޓުކުރަމުންދާއިރު މީގެ ދުވަސްކޮޅެއް ކުރިން ނ. މާފަރުންވެސް ރުއްތަކެއް ކަނޑައިގެން ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތްކުރި މައްސަލައެއް ފެންމަތިވެފައިވެއެވެ. ޤަވާއިދާ ޚިލާފަށް އެރަށުން ރުއްކެނޑުމުގެ މައްސަލަ އީޕީއޭއިން ބަލަމުންދަނިކޮށް އެރުއްތައް މާފަރުގެ ބޭރުގައި އޮތް އަބޫދާބީގެ ކޮޅުވެއްޓިއަކަށް ގެންދަން ހަމަޖެހިފައިވާކަމަށް ބުނެ އެރަށުގެ ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޗީފް ކަސްޓަމްސް އިންފޮމޭޝަން އޮފިސަރ އައިޝަތު ވިލްނީ ވިދާޅުވީ ރުއް ކަނޑައިގެން ބޭރަށް އެކްސްޕޯޓުކުރަމުންދާ ކަމުގެ މަޢުލޫމާތު ކަސްޓަމްސްއަށް ލިބިފައިވާކަމަށާއި އެހެންނަމަވެސް ކަސްޓަމްސް އިން މިފަަދަ ހުއްދައަކަށް އެއްވެސް ފަރާތަކުން އެދިފައިނުވާކަމަށެވެ. މީގެ އިތުރުން ކަސްޓަމްސްއިންވެސް ރުއް އެކްސްޕޯޓުކުރުމުގެ އެއްވެސް ހުއްދައެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެކަމަށާއި މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މާފަރުގެ އިތުރުންވެސް ޅ. މަޑިވަރާއި، ދ. އަތޮޅު އުއްދޫއާއި، ކާށިދޫއާއި، ށ. ޅައިމަގާއި، ކ. ކާށިދޫން ވެސް ރުއް ކަނޑައިގެން އެކި ރަށްރަށަށް ފޮނުވުމުގެ މައްސަލަތަކެއް އީޕީއޭއަށް ރިޕޯޓުކުރެވިފައި ވާކަމަށް އެ އޭޖެންސީން ބުނެއެވެ. ނަމަވެސް ރުއްގަސް ކެނޑުން ހުއްޓުވުމަށް އަމަލީ މަސައްކަތްތަކެއް ފުލުހުންނާ ގުޅިގެން އީޕީއޭއިން ކުރިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީއިން ބުނީ މި މައްސަލަތައް ވީހާވެސް އަވަހަކަށް ބަލައި ތަހުގީގުކުރާނެކަމަށެވެ.