ޚަބަރު

ތަމްރީން ކޯހެއްގައި ބައިވެރިވުމަށް 8 އިމާމުން މިޞްރަށް ފުރައިފި


މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ކޯހެއްގައި ބައިވެރިވުމަށް ދިވެހި 8 އިމާމުން މިޞްރަށް ފުރައިފިއެވެ.

އިމާމުންނާއި ވާއިޟުން ކުރިއަރުވައި، މުޖުތަމަޢުގައި ދިމާވާ ދީނީ އަދި އިޖްތިމާޢީ އެކިއެކި މައްސަލަތަކާއި ގޮންޖެހުންތައް ޙައްލުކުރާނެ ގޮތްތައް މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިމާމުންނާއި ވާއިޟުން ތަމްރީނުކުރުމަށް 2 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޯސް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހަކީ މިސްކިތްތަކަށް ޒިޔާރަތްކޮށްގެން ޢަމަލީ އަދި ފަންނީ ތަޖުރިބާވެސް ލިބޭނެ ގޮތަށް ކިޔަވައިދޭ ކޯހެއްކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ކޯހަށް މީހުން ހޮވާފައިވަނީ ޢާއްމުކޮށް އިޢުލާންކުރުމަށްފަހު ، ކޯހަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި އިންޓަރވިއުކޮށްގެންނެވެ.

އަލްއަޒްހަރު ޔުނިވަރސިޓީގެ މި ކޯހުގައި ބައިވެރިވާ ދިވެހި 8 އިމާމުންނާ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވަނީ ބައްދަލުކުރައްވާފައެވެ.

ޢަރަބި އިސްލާމީ އެކި ޤައުމުތަކުން މިފަދަ ތަމްރީނުގެ ފުރުޞަތު ދިވެހިރާއްޖެއަށް ދެމުންދާއިރު މިދިޔަ އަހަރުވެސް 12 އިމާމުންވަނީ ސަޢުދީ އަރަބިއްޔާއިން ތަމްރީން ހޯދާފައެވެ.