ޚަބަރު

ޖަޕާނާއި އިންޑިޔާއިން އަސްކަރީ ގުޅުން ބަދަހިކުރަން އެއްބަސްވެއްޖެ


ޖަޕާނާއި އިންޑިޔާގެ އިޤުތިޞާދީ އަދި އަސްކަރީ ގުޅުންތައް މިހާރަށްވުރެ ބަދަހިކުރުމަށް އެ ދެ ޤައުމުން އެއްބަސްވެއްޖެއެވެ. މި ކަމަށް އެއްބަސްވީ އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި މޯދީގެ އަރިހުގައި އިންޑިޔާގެ އިސް ބައެއް މަސްއޫލުވެރިންނާއި ވިޔަފާރިވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މޯދީ އާއި އަބޭގެ މަޝްވަރާތަކުގައި، ކުޑަ އިންޓްރަސްޓް ރޭޓެއްގައި އިންޑިޔާގެ ތަރައްޤީގެ ބައެއް މަޝްރޫއުތަކަށް ބޭނުންވާ ލޯންދިނުމަށް އަބޭ ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.

މީގެ އިތުރުން މޯދީގެ ދަތުރުފުޅުގައި އިންޑިޔާ އާއި ޖަޕާނުގެ މަސްއޫލުވެރިންވަނީ ދެ ޤައުމުގެ އަސްކަރީ ގުޅުންތައް ބަދަހިކުރުމާއި އަސްކަރީ ދާއިރާގައި މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އަބޭ ވަނީ އިންޑިޔާގައި ޒަމާނީ ޓެކްނޮލޮޖީގެ ރެޕިޑް ރޭލްވޭ ނިޒާމެއް ބިނާކުރުމުގެ މަޝްރޫއެއް އިފްތިތާހް ކޮށްދެއްވާފައެވެ. 19 ބިލިޔަން ޑޮލަރުގެ އެމަޝްރޫއުގެ ދެބައިކުޅަ އެއްބައި ޖަޕާނުން ދީފައިވަނީ ލޯންގެ ގޮތުގައެވެ.

ޕާކިސްތާނާއި އެނޫންވެސް ދެކުނު އޭޝިޔާގެ ޤައުމުތަކުގައި ޗައިނާ ކުރަމުންގެންދާ އިންވެސްޓްމަންޓް ތަކާމެދު އިންޑިޔާއިން ކަންބޮޑުވާކަން ހާމަކުރަމުން ގެންދާއިރު ދެކުނު އޭޝިޔާ ސަރަހައްދުގައި ޗައިނާއާ ކުރިމަތިލުމަށް އިންޑިޔާއަށް ހިއްވަރު ދެނީ އެމެރިކާ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.