ޚަބަރު

ސްމޯކިންގ ސެސޭޝަން ކްލިނިކަށް ބޮޑު ތަރުޙީބެއް


އައި.ޖީ.އެމް.އެޗުގެ ސްމޯކިންގ ސެސޭޝަން ކްލިނިކުގައި މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

މި ކްލިނިކަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ކައުންސިލިން ފަދަ ޚިދުމަތްތައް ދިނުމަށްޓަކާ މިދިޔަ އޭޕްރީލްމަހު އައި.ޖީ.އެމް.އެޗުގައި ހުޅުވާފައިވާ ކްލިނިކެކެވެ.

އައި.ޖީ.އެމް.އެޗުން ބުނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވެގެން އަމިއްލައަށް އިސްނަގައިގެން މިހާތަނަށް 404 މީހުން ސްމޯކިންގ ސެސޭޝަން ކްލިނިކުގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ. މީގެ ތެރެއިން 200 އަށްވުރެ ގިނަ މީހުންނަށް ކައުންސިލިން ދީފައިވާއިރު، އޭގެ ތެރެއިން 42 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާފައިވާކަމަށާއި، 30 މީހަކު މިހާރުވެސް ބޭސް ބޭނުންކުރަމުންދާކަމަށް އައި.ޖީ.އެމް.އެޗުން ބުނެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައި.ޖީ.އެމް.އެޗްގެ ކޮންސަލްޓަންޓް އިން ރެސްޕިރޭޓަރީ މެޑިސިން ޑރ. މުޙައްމަދު އިސްމާޢީލް ވިދާޅުވީ، މި ކްނިކް މެދުވެރިކޮށް އާއްމުންނަށް ދުންފަތުގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބަލިތަކަކީ ކޮބައިކަން އަންގައިދީ، އެކަމުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޕްރޮފެޝަނަލް ކައުންސެލިންގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ. އަދި މިހާތަނަށް ފަރުވާ ހޯދާފައިވާ މީހުންގެ ތަޖުރިބާއަށް ބަލާނަމަ، އެމީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޢާއިލާގެ ޕްރެޝަރާއި، ސިނގިރޭޓްފަދަ ތަކެތީގެ އަގުބޮޑުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. މުޙައްމަދު އިސްމާޢީލް ވިދާޅުވީ، މީހުން މިކަމާމެދު ހޭލުންތެރިވާ ނިސްބަތަށް ބަލާނަމަ، ހިތްހަމަޖެހޭ ކަހަލަ މަންޒަރުތަކެއް ފެެންނަމުންދާކަމަށެވެ.

"ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވަނީ ކީއްވެގެންތޯ އަޅުގަނޑުމެން އެބަ އަހަން. ވަރަށް ގިނައިން އެބައާދޭ ޚަރަދު ބޮޑުވުމުގެ ވާހަކަ. އެއީ ގެއްލުންލިބޭ އެއްޗެއްކަމަށާ، ޚަރަދުވެސް ބޮޑުވާ ވާހަކަ. ދެން ހަމައެއާއެކީގައި އާއިލާތެރެއިން، ނުވަތަ ރައްޓެހިވެގެން އުޅޭ ކުއްޖާގެ ފަރާތުން އަންނަ ޕްރެޝަރު. ނުވަތަ ކޮންމެވެސް ބައްޔަކާ ގުޅިގެން އެކަން ހުއްޓާލަން ބޭނުންވާ މީހުންވެސް އެބަތިބި. އަޅުގަނޑު ދެކޭގޮތުގައި މިއީ ފުދޭވަރަކަށް ރަނގަޅު ނަތީޖާއެއް. ނަމަވެސް އަދިވެސް ވަރަށް ލިމިޓެޑް އަޅުގަނޑުމެންގެ ރިސޯސަސްތައް."

ރ.މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

އެޗް.ޕީ.އޭގެ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ނުވަތަ ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގައި މީހުން ހޭލުންތެރިކުރުވުމާއި އެއްވަރަށް ފަރުދީ ޒިންމާ މިކަމުގައި އިސްކުރުންވެސް މުހިއްމު ކަމަށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކަނޑައެޅިގެން ސިއްޙަތަށް ގެއްލުންހުރިކަމެއްކަން އެނގިތިބެ، އެ ބޭނުންކުރަނީ ކީއްވެތޯ، މިއީ ކޮންމެ ފަރުދަކުވެސް ވިސްނާލުން މުހިއްމުކަމެއްކަން އޭނާ ފަހަގަކުރެއްވިއެވެ.

"ފަރުދީ ނަޒަރަކުން ބަލާލިނަމަވެސް، ޢާއިލާއެއްގެ ނަޒަރުން ބަލާލިކަމުގައިވިޔަސް، އަދި ޤައުމެއްގެ ނަޒަރުން ބަލާލިކަމަށްވިޔަސް މިޢަމަލަކީ އަމިއްލަ ނަފްސަސް ގެއްލުން ދިނުމުގެ އިތުރުން، އެއީ 100 ޕަސެންޓް އިސްރާފެއް. 100 ޕަސެންޓް ސިއްހަތަށް ގެއްލުން. 100 ޕަސެންޓް މާލީ ގެއްލުން. އަދި ވަށައިގެންވާ މީހުންނަށްވެސް ހަމަ 100 ޕަސެންޓް ގެއްލުން. ފައިދާގައި މި އިންނަނީ ސުމެއް. އެހެންކަމުން މާއެކަށީގެންވާ ސުވާލެއް ނޫންތޯ މިއީ އަސްލު ދުންފަތުގެ އިސްތިޢުމާލު މިކުރަނީ ކީއްވެގެންތޯ؟ އެ ސުވާލު އުފެއްދުން."

ޙަސަން މުޙައްމަދު ވިދާޅުވިއެވެ.

އައި.ޖީ.އެމް.އެޗުގެ ސްމޯކިންގ ސެސޭޝަން ކްލިނިކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދިނުމުގެ އިތުރުން، ނިކޮޓިން އެޑިކްޝަނުން ސަލާމަތްވުމަށް ބޭނުންވާ ފަރުވާއާއެކު ގިނަ ވަސީލަތްތަކެއް ޤާއިމުކޮށްފައިވާކަން ފާހަގަކޮށްލެވޭ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެވެސް މެންދުރު އެކަކުން ތިނަކަށް މި ކްލިނިކް ހުޅުވާފައި ހުންނައިރު، ޙިދުމަތަށް އެދި ނަންނޯޓު ކުރުމުގެ ފުރުޞަތު ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން މެންދުރުފަހު 3 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާކަމަށްވެސް އައި.ޖީ.އެމް.އެޗުން ބުނެއެވެ.