ޚަބަރު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ތުހުމަތުކުރެވޭ އެސްއޯއެފުގެ މުޢާމަލާތްތައް ރިޕޯޓްކުރިން - ބީއެމްއެލް


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީގެތެރެއިން ހިންގި ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ކުރަމުން ދިޔަ މުޢާމަލާތްތަކާއި ގުޅޭ މަޢުލޫމާތުތައް، ކަމާބެހޭ ހުރިހާ ފަރާތްތަކާ ޙިއްޞާކުރިކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ބީއެމްއެލްއިން ބައިވެރިވި ކަމަށް ކުރާތުހުމަތުތަކާ ގުޅިގެން އެބޭންކުގެ މުވައްޒަފުންނަށް ފޮނުވާފައިވާ ލިއުމެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތަހުޤީގު ކުރަން ފެށުމުގެ އަހަރެއްހާ ދުވަސްކުރިން އެމްއެމްޕިއާރުސީއާއި އެސްއޯއެފްގެ އެކައުންޓުން ހިންގަމުން ދިޔަ ޝައްކު ކުރެވޭ މުޢާމަލާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރަމުންދިޔަ ކަމަށެވެ. އަދި ފަހުން އޮޑިޓަރ ޖެނެރަލާއި ފުލުހުންނާއި އޭސީސީން އެދުމުންވެސް ބީއެމްއެލްއިން އެ މަޢުލޫމާތުތައް ފޯރުކޮށްދީފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

"ނޮވެމްބަރު 2014 އިން ފެށިގެން އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ އެކައުންޓުން ކޮށްފައިވާ ޝައްކުކުރެވޭ މުޢާމަލާތްތައް ކަމާއިބެހޭ މުއައްސަސާތަކަށް ވާނީ ރިޕޯޓް ކޮށްފައި. ބީއެމްއެލްގެ އެއްވެސް އެކައުންޓަކުން ދެލައްކަ ރުފިޔާ އަށްވުރެ މަތިން ކުރާ މުޢާމަލާތްތައް އެމްއެމްއޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް، ރިޕޯޓްކުރުމަކީ ބޭންކުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ކަމެއް. އެކަންކަމުންވެސް އެގެނީ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ޚިލާފަށް، ޤާނޫނީ ޒިންމާތައް ބީއެމްއެލްއިން ފުރިހަމައަށް އަދާކޮށްފައިވާ ކަމެވެ،"

ބީއެމްއެލްގެ ލިޔުމުގައި ބުނެފައި ވެއެވެ.

ބީއެމްއެލްއިންބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ބީއެމްއެލްގެ ޗީފް އިންޓަރނަލް އޮޑިޓަރު، އެބޭންކުގެ ޚާއްޞަ އޮޑިޓެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މުޢާމަލާތްތަކުގައި ބީއެމްއެލްއިން ޢަމަލުކޮށްފައިވަނީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށްކަމަށް އޮޑިޓަރު ޔަޤީންކަން ދީފައިވާކަމަށެވެ. އެއާއެކު އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ތުހުމަތުކުރާ ބާވަތުގެ އެއްވެސް ކަމެއް ބީއެމްއެލްއާއި އެތަނުގެ މުވައްޒަފުން ގުޅިގެން ހިންގާފައި ނުވާކަން ކަށަވަރުކޮށްފައިވާ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.